އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށްގެން ދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނުދީފިނަމަ އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހައި ހިނދަކު އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލައި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހުއްދަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެޗްޕީއޭއިން އެކޮމިޝަނަށް ދޭންވާނެ ކަމަށާއި، އޭގެ ފަހުން އެ ހުއްދަ ދީފިނަމަ އިންތިޚާބު ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ.
ނަމަވެސް އެދުވަސްވަރު ރޯދަމަހާ ދިމާވާތީ ޝަރީފް ވަނީ އަންނަ މާޗް ހައެއްގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށް މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވީ ގާނޫނުގައި އެކޮމިޝަނުން ކުރުން ލާޒިމްކޮށްފައިވާ ތާރީޚުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ވޯޓާސް ލިސްޓް އާންމު ކުރުމާއި ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުސަތު ހުޅުވާލުން ފަދަ ގިނަ ކަންކަން ފުރިހަމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައެއް މާޗްގައި އިންތިހާބު ބާއްވާނަމަ ތިނެއް ޖެނުއަރީގައި ރަޖިސްޓްރީ އާއި ޝަކުވާ ހުށައެޅުމަށް އިއުލާންކުރަން ޖެހޭ. ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އަލުން ހުޅުވާލާނަމަ އިންތިހާބު އޮންނަ ދުވަހުގެ ކުރިއަށް 67 ދުވަސް ބޭނުންވާނެ އިނގޭތޯ. ތާރީޚުތައް ކަނޑައަޅާފައި އެ ތާރީހުތަކަކީ ކެނޑިޑޭޓުންނަށް ގާނޫނުގައި އެބަބުނޭ މަދުވެގެން 14 ދުވަސް ދޭންވާނެ ކަމަށް." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ މި ޙާލަތުގައި ވެސް އިލެކްޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅައި އެދުވަހަށް ތައްޔާރުވުމަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަ އަހަރުގެ މާޗް ހަވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރާއިރު ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 49 ކެނޑިޑޭޓަކު ވަނީ ނަން ނަގާފަ އެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު ނަންނެގިއިރު ޕީޕީއެމުން ކުރިމަތިލި ހަތް ކެންޑިޑޭޓަކު އަދި ޖޭޕީގެ ހަ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފަ އެވެ.