ބެއިޖިން (21 ޖޫން) - ޔޫކްރެއިން މައްސަލާގައި ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލާފައި ވަނިކޮށް ޗައިނާއިން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަކީ ރަޝިއާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން ފާއިތުވެ ދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ޗައިނާއިން ރަޝިއާގެ ތެޔޮ އެތެރެކުރި މިންވަރު ވަނީ 55 ޕަސެންޓް އިތުރުވެފަ އެވެ. އެއާއެކު ސައޫދީ އަރަބިއާ ފަހަތަށް ޖައްސާލުމަށްފަހު ރަޝިއާ ވެފައިވަނީ ޗައިނާއިން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަށެވެ.

ޗައިނާގެ ކުންފުނިތަކުންނާއި ސަރުކާރުން ރަޝިއާގެ ތެޔޮ ގަތުން އިތުރު ކޮށްފައިވަނީ ބޮޑެތި ޑިސްކައުންޓްތަކެއް ރަޝިއާއިން އެގައުމަށް ހުށައަޅާފައި ވަނިކޮށެވެ.

ޗައިނާގެ ޖެނެރަލް އެޑުމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސައިބީރިއާ ޕެސިފިކް ކަނޑުގެ ތެޔޮ ހޮޅިންނާއި ކަނޑުމަގުން މިދިޔަ މަހު ޗައިނާއަށް އެތެރެކުރި ރަޝިއާގެ ތެލުގެ މިންވަރު 8.42 މިލިއަން ޓަނަށް އަރަ އެވެ.

ރަޝިއާއިން އޭޝިއާގެ މާކެޓުތަކަށް ތެލުގެ ޑިސްކައުންޓް ދޭން ފަށާފައިވަނީ ޔޫކްރެއިން ހަނގުރާމައާއެކު ހުޅަނގުގެ ގައުމުތަކުން އެގައުމުގެ ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން ތެލުގެ ވިޔަފާރި ވަރަށް ބޮޑުތަން ދަށްވެފައި ވަނިކޮށެވެ.

ޔޫކްރެއިން މައްސަލާގައި ދުނިޔޭގެ އެކި ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު ޗައިނާއިން ވަނީ ރަޝިއާއާއި ޗައިނާގެ ރަހުމަތްތެރިކަމުގެ ވަކި ހައްދެއް ނެތް ކަމަށް ބުނެފަ އެވެ. -- ސީއެންއެން