ރަޝިއާއަށް ނިސްބަތްވާ މަޝްހޫރު ޓެނިސް ކުޅުންތެރިޔަކު ކުރިއަށް އޮތް ބައިނަލްއަގްވާމީ ޓެނިސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިދާނެތީ އޭނާގެ ގައުމީ ނިސްބަތް ބަދަލުކޮށްފި އެވެ.

އެގޮތުން ރަޝިއާގެ ނަޓެލާ ޒަލަމިޑްޒް ވަނީ ރަޝިއާގެ ރައްޔިތުކަން ދޫކޮށް އޭނާގެ ގައުމީ ނިސްބަތް ޖޯޖިއާއަށް ބަދަލުކޮށްފަ އެވެ.

ޔޫކްރެއިން ހަނގުރާމައިގެ މައްސަލާގައި ގިނަ ކުޅިވަރު މުބާރާތްތަކުން ރަޝިއާއާއި އެގައުމުގެ ކުޅުންތެރިން ވަނީ ވަކިކޮށް އެކަހެރި ކޮށްފަ އެވެ.

ނަޓެލާ އޭނާގެ ރައްޔިތުކަން ބަދަލު ކުރުމާއެކު ޖޫން 27ގައި ފެށޭ ވިމްބްލްޑަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ވަނީ ފަހިވެފަ އެވެ.

ނަޓެލާއަކީ ޑަބަލްސް ކެޓަގަރީއަށް ހާއްސަ ދުނިޔޭގެ ރޭންކުން 43 ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.

ރަޝިއާއަށް ނިސްބަތްވާތީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބައެއް ކުޅުންތެރިންނަށް މި މުބާރާތުގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފަ އެވެ. އެ ކުޅުންތެރިން ވަނީ ރަޝިއާގެ ރައްޔިތުކަން ބަދަލުކުރަން ދެކޮޅު ހަދާފަ އެވެ.

ރަޝިއާއާއި ބެލަރުސްގެ ކުޅުންތެރިން ވިމްބްލެޑަން މުބާރާތުގައި ބައިވެރިނުވެވޭ ގޮތަށް ހެދުމުން ޓެނިހުގެ ދާއިރާގައި ވަނީ ބައިބައިވުން އުފެދިފަ އެވެ.

މި މުބާރާތުގައި އެ ދެގައުމުގެ ކުޅުންތެރިންނަށް ބައިވެރި ނުވެވުނަސް މިއަހަރު ފަހުކޮޅު ބާއްވާ ޔޫއެސް އޯޕަންގައި އެ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށް މުބާރާތް ހިންގާ ފަރާތުން ބުނެފައިވެ އެވެ.