ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހަވާލުވެއްޖެ އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަފީއު އެވެ.
މާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހުސައިން ސޮލާހު އެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނުއްސުރެ މާފުއްޓަށް ދިމާވެފައި އޮތް ކުނި މެނޭޖްކުރުމުގެ މައްސަލަ ޒަމާނީ ހައްލު ލިބި ފުރިހަ ނިޒާމެއް ސްޓެލްކޯ އިން ގާއިމުކުރާނެ އެވެ.
މިރަސްމިއްޔާތުގައި އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައިވެރިވިވަޑައިގެންނެވި އެވެ.
މިކަމަށްޓަކައި ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރުގަ ފޯރުކޮށްދިނުމާއެކު ފެނާއި ނަރުދަމާގެ މަސައްކަތުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު ކުނި މެނޭޖްކުރުމަކީ އެ ކުންފުންޏަށް މުޅިން އާ ޚިދުމަތެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާމުން ސްޓެލްކޯއިން މި ޚިދުމަތް ތިބޭފުޅުން ހިތްހަމަޖެހޭ ލެވަލްއަކަށް އަޅުގަނޑުމެން ގެނެސްދޭނަނަން. މިހާރު ތިބޭފުޅުންނަށް ދިމާވެފައިވާ ކުނީގެ ސަބަބުން ތިމާވެށްޓަށް ދިމާވެފައިވާ ނުރައްކާ އަޅުގަނޑުމެން ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ކޮށްދޭނަން. އަދި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް މާފުށީގައި ޤާއިމްކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އެސަރަހައްދުގައިވާ ކ. ގުޅިއާއި ކ. ގުރައިދޫ ވެސް ކުރިއަށް އޮތް ތަނުގައި ޚިދުމަތްދިނުމުގައި ގުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް ވިދާޅުވީ މިމަޝްރޫއެކު މާފުއްޓަށް ދިމާވެފައިވާ ޒަމާންވީ ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިމައްސަލަ ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށް އެކި ގޮތްގޮތުން ހުށަހެޅުނު ނަމަވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.
"މިއަދު މިއީ މާފުށީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީން. އުންމީދަކީ ވަރަށް އަވަހަށް މި އުފާވެރި ދުވަސް ފެށިގެން ދިއުން،" ސޮލާހް ވިދާޅުވި އެވެ.
އެއް ފުރާޅެއްގެ ދަށުން ހުރިހާ ޔުޓިލިޓީ ޚިދުމަތް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުގައި ހިމެނިވަޑައިގަންނަވާ މުހިންމު ސިޔާސަތެކެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.