ބާރަ ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް މަހުގެ އެގާރަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އަހަރުގެ ދެ ކެތެގަރީއަކުން ތަފާތު ބާރަ ދާއިރާކުން ނޫސްވެރިންނަށް އިނާމް ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކަކީ ނޫސްމަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިންގ ކެޓަގަރީ އެވެ. އަދި އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގުތިސާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

މި އިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހާއި ދެމެދު މަދުވެގެން 9 މަސް ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާން ޖެހެ އެވެ.

އިނާމަށް ނަން ހުށަހަޅާ ފޯމާއި، އިނާމު ދިނުމުގެ އުޞޫލު މީޑިއާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.