އަންކާރާ (24 ޖޫން) - ތުރުކީގެ ޖަންގައްޔެއްގައި އަލިފާން ރޯވެ އަނދަމުން ދާތާ ތިން ދުވަސް ވެފައިވާއިރު، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ތުރުކީގެ ބޮރްދުބެޓް ނަމަކަށް ކިޔާ ސަރަހައްދުގެ ޖަންގަލީގައި މިދިޔަ އަންގާރަ ދުވަހު ރޯވި މި އަލިފާންގަނޑު ވަނީ ހަލުވި ކަމާއެކު އެހެން ސަރަހައްދުތަކަށް ފެތުރިފަ އެވެ.

2،500 އަށްވުރެ ގިނަ ފަޔާ ފައިޓަރުންނާއި 41 ހެލިކޮޕްޓަރު އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވަމުން ދިޔައިރު މިއަދުގެ ވަގުތެއްގައި އަޒަރްބައިޖާންގެ ހެލިކޮޕްޓަރަކާއި ގަތަރުގެ ތިން ހެލިކޮޕްޓަރެއް ވެސް ވަނީ މި މަސައްކަތާ ގުޅިފަ އެވެ.

ތުރުކީގެ ޖަންގަލިތަކާ ބެހޭ ވަޒީރު ވާހިތު ކިރްސީ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވެމުން އަންނަ ނަމަވެސް ވައި ގަދަވުމުގެ ސަބަބުން އަލުން ހުޅުގަނޑު ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

3،000 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިފައިވާއިރު މި އަލިފާންގަނޑުގެ ސަބަބުން 400 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައިވެ އެވެ. އެއާއެކު ދުމުގެ އަސަރުކުރި 29 މީހުންގެ ތެރެއިން 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.

އާއިލާއާއެކު ވި ދެބަސްވުމަކާ ގުޅިގެން ޖަންގަލީގައި ގަސްދުގައި ރޯކޮށްލި ކަމަށް އަމިއްލައަށް އިއުތިރާފްވި 34 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

މިކަމުގައި ސަރުކާރުން އަމަލުކުރި ގޮތް ލަސް ކަމަށް ބުނެ އާއްމިންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ތުރުކީގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މެދު އިރުމަތީގެ ގިނަ ގައުމުތަކަށް ހޫނުގަދަވެ ބިންގަނޑު ހަނަފަސް ވަމުން ދާތީ މިފަދަ ހާދިސާތައް ގުދުރަތީ ގޮތުން ވެސް ކުރިމަތިވެދާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ދަނީ އިންޒާރު ދެމުންނެވެ. -- އަލް އަރަބިއްޔާ