ވިޓަމިން ސީ އޭ ބުނުމުން އެންމެ ފުރަތަމަ ވެސް ސިފަ ކުރެވޭނީ އޮރެންޖެއް ނުވަތަ އެހެން ކޮންމެވެސް ކަހަލަ މޭވާއެކެވެ. އެއީ ގިނަ ބަޔަކަށް އެނގިފައި އޮންނަ ގޮތުގައި ވިޓަމިން ސީ ލިބޭ މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި ހިމެނެނީ އޮރެންޖް ފަދަ ސިޓްރަސް މޭވާތައް ކަމަށް ވާތީ އެވެ

ނަމަވެސް ވިޓަމިން ސީގެ ވާހަކަ އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. މޭވާއިންނާއި ތަރުކާރީން ހަށިގަނޑަށް ވިޓަމިން ސީ ލިބިދޭއިރު އެއިން ހަށިގަނޑަށް ގިނަގުނަ ފައިދާ ކުރުވަ އެވެ.

ފެހިކަން ގަދަ މިރުސް، ޗިލީ ޕެޕާ، އަލަނާސި، ސްޓްރޯބެރީ، ބްރޮކޮލީ، ފަޅޯ، ކިވީ، ފެހި ފަތް، އަނބު އަދި ކައްޓަލައަކީ ވިޓަމިން ސީ ލިބޭ ބައެއް މޭވާ އާއި ތަރުކާރީ އެވެ.

ވިޓަމިން ސީއިން ހަށިގަނޑުގެ ހެދިބޮޑުވުމަށް އެހީވެދޭއިރު ބަލިތަކުން ދިފާއުެވުމުގައި ވެސް މިއީ މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެކެވެ.

އޭގެ އިތުރުން އެތެރެ ހަށީގެ ގުނަވަންތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އެ ގުނަވަން ތަކަށް ބޭނުންވާ ހަކަތަ ލިއްބައި ދިނުމުގައި ވެސް ވިޓަމިން ސީގެ ދަައުރު ބޮޑެވެ.

ވިޓަމިން ސީ ގިނަވެގެން ހަށިގަނޑަށް ގެއްލުމެއް ނެތެވެ. އެހެންނަމަވެސް ބައެއް އެހެން ވިޓަމިންސް ހަށިގަނޑުގައި މާ ގިނަވެއްޖެނަމަ ބައެއް ކަހަލަ ގެއްލުން ހަށިގަނޑަށް ލިބެ އެވެ.

އެގޮތުން ހަށިގަނޑުގައި ވިޓަމިން ޑީ އިތުރުވެއްޖެނަމަ ކިޑްނީގައި ހިލަ އުފެދޭގޮތްވެ މަސްތަކަށް ތަދުވާ ގޮތްވެ އެވެ. ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ އިތުރުން އަބަދު ކަރުހިއްކާފައި ހުރުމަކީވެސް ވިޓަމިން ޑީ ހަށިގަނޑަށް މާ ގިނައިން ބޭނުން ކުރެވޭނަމަ ލިބޭ ގެއްލުމެކެވެ.

ހަމަ އެގޮތަށް ހަށިގަނޑުގައި ވިޓަމިން އީ މާ ގިނަވެއްޖެ ނަމަވެސް ވެދާނެ ނުރައްކާތަކެއް އެބަހުއްޓެވެ. އެގޮތުން ސިކުނޑިން ލޭ ބޭރު ވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.