އަބަދުވެސް އިވެނީ އުމުރުން ދުވަސްވާ ވަރަކަށް ބަރުދަން ލުއި ކުރަން އުނދަގޫވާ ވާހަކަ އެވެ. ނަމަވެސް ބައެއް ކަންކަމަށް ސަމާލުވެއްޖެ ނަމަ އެއީ ވެސް ކުރެވިދާނެ ކަމެކެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

ގިނައިން ޕްރޮޓީން ބޭނުން ކުރުން

މީހާ ހެދިބޮޑުވާ ވަރަކަށް އެމީހެއްގެ މެޓަބޮލިޒަމް ރޭޓް ދާނީ ދަށްވަމުންނެވެ. އެގޮތުން ރަނގަޅު ޑައިޓެއް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެވެ. ހާއްސަކޮށް ބަރުދަން ލުއިކުމުގެ މަސައްކަތްކުރާނަމަ ދުވަސް ފަށަންވާނީ ހަށިގަނޑަށް ފައިދާހުރި ކެއުމަކުންނެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޕްރޮޓީންސް ހިމެނުމަށް ހާއްސަ ސަމާލުކަން ދިނުމުން ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދެ އެވެ.

ހަކުރު ބޭނުން ނުކުރުން

މޭވާއާއި ތަރުކާރީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންޖެހޭ އެއްޗެއްސެވެ. ރޮލަށް ކެއުމުގެ ބަދަލުގައި އޮރެންޖް ފަދަ ތަކެތިން ފަނިތަށްޓެއް ބޯލުމުން ވެސް އެ މޭވާގެ ފައިދާ ލިބެ އެވެ. ނަމަވެސް އޮރެންޖް ފަނިތަށްޓަށް އޭގައި އެކުލެވޭ ގުދުރަތީ ފޮނިރަހައިގެ ބަދަލުގައި ހަކުރު ބޭނުންކުރާނަމަ އޭގެން ލިބެންޖެހޭ ފައިދާއެއް ނުލިބެ އެވެ.

ސްޓްރެސް ދަށް ކުރުން

ދިމާވާ ކަންކަމާމެދު މާ ބޮޑަށް ވިސްނާ ފިކުރުކޮށް މީހާގެ މުޅި އެކަމަށް ލެނބުނަ ނުދޭށެވެ. ވާހަކަތައް އިތުބާރުކުރެވޭ މީހަކާ ހިއްސާކޮށް އެ ކަންކަމާ ފިކުރުކުރުން މަދު ކުރާށެވެ. ކަންކަމާ ވިސްނާ ފިކުރު ކުރުމުން ސިއްހަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ ޑިޕްރެޝަންއަށް މަގުފަހިވެ އެވެ.

ކަސްރަތު ކުރުން

ދުވަހުގެ ތާވަލުގައި ކަސްރަތު ކުރުމަށް ވަގުތު ހުސްކުރާށެވެ. ކަސްރަތު ކުރަން ފަށަންވާނީ ތަމްރީން ލިބިފައިވާ ފަރާތްތަކުގެ އެހީއާ އެކުގަ އެވެ. މިކަމުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްވެ ބަރުދަން ލުއިވުން އަވަސް ކޮށްދެ އެވެ.