ކީވް (26 ޖޫން) - ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ސެވެރޮޑޮނެސްކް ވަށާލައި، އެ އަވަށް ހިފާފައިވާ ކަމަށް އެ ސަރަހައްދުގެ މޭޔަރު އޮލެކްސެންޑްރާ ސްޓްރިއުކް ވިދާޅުވެއްޖެ އެވެ.

ރަޝިއާއާ ބޯޑަރު ހިއްސާކުރާ ޔޫކްރެއިންގެ ސެވެރޮޑޮނެސްކްއަކީ އިރުމަތީ ޔޫކްރެއިންގެ އެންމެ މުހިއްމު އަވަށްތަކުގެ ތެރެއިން އަވަށެކެވެ.

"ރަޝިއާއިން ވަނީ ހަތަރު ފަރާތުން އަހަރުމެން ވަށާލާފައި. މިތަނުގެ ކޮންޓްރޯލް މިހާރު އޮތީ އެމީހުންގެ އަތުގައި،" އޮލެކްސެންޑްރާ ވިދާޅުވި އެވެ.

ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ އެ އަސްކަރިއްޔާގެ ސިފައިން އެ ސަރަހައްދުން ފައިބައި އަވަށްޓެރި ސަރަހައްދުތަކުގައި ރަޝިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަކުރަންދާނެ ކަމަށް ބުނެފަ އެވެ.

ސެވެރޮޑޮނެސްކްއަކީ މެރިއުޕޯލްއަށްފަހު ޔޫކްރެއިން ހަނގުރާމަ އެންމެ ވަރުގަަދައަށް ކުރިއަށް ދިޔަ ސަރަހައްދެވެ. ފާއިތުވި ހަފްތާގައި ރަޝިއާ ސިފައިން ވަނީ އެ ސަރަހައްދަށް ގިނަ ހަަމަލާތަކެއް ދީފަ އެވެ.

އެ ސަރަހައްދުގައި ގާތްގަނޑަކަށް 100،000 މީހުންގެ އާބާދީއެއް އޮންނައިރު އާއްމުން މިހާރު ވަނީ ގެދޮރު ދޫކޮށް ދާން ފަށާފައި ކަމަށް އޮލެކްސެންޑްރާ ވިދާޅުވި އެވެ.

ސެވެރޮޑޮނެސްކްއަށް ފަހު މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދަނީ އަވަށްޓެރި ލިސްޗަންސްކްގަ އެވެ. -- އަލް އަރަބިއްޔާ