ރައީސް ޔާމީން ޖަލަށް ހުކުމްކުރިތާ 1 އަހަރުވާތީ އެކަމާ އިޙްތިޖާޖު ކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަނުން އިޙްތިޖާޖު ކުރަން އުޅޭތީ ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން އިސްކަންދަރު ކޮށްޓަށް ޙާޒިރުކޮށްފި އެވެ.

މުޅި ރާއްޖޭގައި އަންނަ ހޮނިހިރު ދުވަހު ބާއްވަންއުޅޭ މުޒާހަރާތަކާ ގުޅިގެން ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ޙާޒިރުކޮށް ފުލުހުންވަނީ ސުވާލުކޮށްފަ އެވެ.

ފުލުހުންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި އޮންނަ ގޮތުން ކުރިއަށް ހުއްދަ ނުހޯދައި އެއްނުވެވޭނެ ކަމާއި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގެވި ކަމަށެވެ.

"ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރިއަށް ގެންދާނަން. ފުލުހުން މިހާރު ކަންތައް ކުރާ ގޮތާމެދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އެއްވެ އުޅުމަކީ ގާނޫނުން ޖާގަ ދޭކަމެއް ނޫންކަމާއި ވަކިން ޚާއްސަކޮށް ކޮވިޑްގެ ތެރޭގައި އެއްވެ ނޫޅެވޭނެ ކަމަށް. އަދި ގާނޫނީ އިމުގެ ތެރެއިން މިކަން ކުރުމަށް އެންގީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ސިޔާސީ ޙަރަކާތްތައް ހިންގަން ހުއްދަ ލިބިފައި އިދިކޮޅަށް އެ ހުއްދަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ފަސް ދުވަހުގެ ޚާއްސަ ހުއްދައިގެ ދަށުން ސަރުކާރުގެ އެކި މުއްއަސަސާތަކާއި އެމްޑީޕީގެ އިސްބޭފުޅުން ކެމްޕެއިން ކުރައްވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަރަކާތެއް ރާވާ ހިންގަންޏާ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަރަށް އެބަ އުނދަގޫވޭ. އަދި އެފަދަ ހަރަކާތްތައް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އޯޑަރު ދީފައި މި އޮންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އަޅުގަނޑުމެންނަށް ވާހަކައެއް ދައްކާލަން ދެވޭކަށްނެތް ހޮޅުއަށްޓަކަށް ވެސް،" ސަރުކާރުން މުޒާހަރާއަށް ހުރަސްއަޅާތީ އެކަމުގެ ކަންބޮޑުވުން ޝިޔާމް ފާޅު ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ ބިރު ދެއްކިއަސް މުޒާހަރާ ކުރިއަށް ދާނެ ކަމަށާއި އިދިކޮޅުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މުޒާހަރާ ކުރިއަށްދާނެ ކަމަށާއި މިހާރު މައުލޫމާތު ލިބިފައިވާ ގޮތުން 185 ރަށުގައި މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ހުރިހާ ރަށަކުންވެސް އިޙްތިރާމްކޮށް އެ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.