ކީވް (30 ޖޫން) - ޔޫކްރެއިންގެ މައި ސަރުކާރާ ވަކިން ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ އިރުމަތީ ޔޫކްރެއިންގެ ޑޮންބަސްއަކީ ވަކި ދައުލަތެއް ކަމުގައި ސީރިއާއިން ބަލައިގަތުމާއެކު އެގައުމާއެކު އޮތް ޚާރިޖީ ގުޅުންތައް ޔޫކްރެއިނުން ކަނޑާލައިިފި އެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ވަނީ އެ ގައުމުގެ ސަރުކާރުން ލުހަންސްކްގެ ދައުލަތާއި ޑޮނެސްޓްކްގެ ދައުލަތްތަކަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

އެއާއެކު ޓެލެގްރާމް މެދުވެރިކޮށް ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ މިއަދުން ފެށިގެން ޔޫކްރެއިންއާއި ސީރިއާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން އެ ގައުމުން ވެސް ވަނީ ވަކިވެގަނެފައިވާ މި ދެ ދައުލަތަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަނެފަ އެވެ.

މިއާއެކު ސީރިއާ ވެފައިވަނީ އެ ދެ ދައުލަތް ބަލައިގަތް ދެވަނަ ގައުމަށެވެ. ސީރިއާގެ މިނިންމުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ސީރިއާއިން ބުނީ ޔޫކްރެއިންއާއި ވަކި ދައުލަތްތަކާ ދެމެދު ސުލްހަވެރި މަޝްވަރާތައް ކުރަން ބާރުއަޅާ ކަމަށެވެ. -- އަލް އަރަބިއްޔާ