ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމިފައިވާއިރު، ސްކޫލްތަކުގައި މިއަދު ވަނީ ރިޕޯޓް ވެސް ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ 92،000 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާފައިވާއިރު، މިއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި އަހަރެއްގެ މެދުތެރެއިން ދިރާސީ އަހަރުގެ ކިޔެވުން ފަށައިގެން ނިންމާލި ފުރަތަމަ ފަހަރެވެ.

އަހަރުގެ މެދުތެރެއިން ކިޔެވުން ފެށުން ނަމަވެސް ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައި ވަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ދެ ޓާމަށް ބަހާލައިގެން އެކަޑަމިކް ކަލަންޑަރުގެ ތާވަލާ އެއްގޮތަށެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ދަރިވަރުންނަށް މިއަދު ރިޕޯޓް ފޮތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުދިން ބައިވެރިވަނީ. ފޮޓޯ: ރެހެންދި ސްކޫލް

ދިރާސީ އަހަރުގެ ކިޔެވުން ދެ ޓާމަށް ކުރިއަށް ގެންދިޔައިރު ފުރަތަމަ ޓާމްގެ ކިޔެވުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން މިއަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިއަދު މިވަނީ ނިމިފަ އެވެ.

އަހަރުގެ ކިޔެވުން ނިމުނުއިރު އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ދޫކުރަން ފަށާފަ އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 7 ވަނަ ދުވަހު އެވެ. އެ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫން 22 ވަނަ ދުވަހު އެވެ.