ކީވް (01 ޖުލައި) - ރަޝިއާއިން ޔޫކްރެއިންއަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު އެ ގައުމުގެ 16 މިލިއަނެއްހާ މީހުުން ހާލުގައި ޖެހިފައިވާ ކަމަށާއި އެ މީހުންނަށް ވަގުތުން އިންސާނީ އެހީ ބޭނުންވާ ކަމަށް އދ.ގެ ރިޕޯޓަކުން ހާމަކޮށްފި އެވެ.

"ޔޫކްރެއިންގެ 16 މިލިއަން މީހުން ބޯފެނާއި ކާބޯތަކެތީގެ އިތުރުން ސިއްހީ ވަސީލަތްތަކަށް ވަނީ ބޭނުން ވެފައި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އދ.ގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ހަ މިލިއަން މީހުން އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކޮށްފައިވާއިރު އިތުރު 5.3 މިލިއަން މީހުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އޭގެ ތެރެއިން ފަސް މިލިއަން މީހުން އަނބުރާ އައިސްފައިވާ ނަމަވެސް ހާލަތު ހުރިގޮތުން އަނެއްކާ ވެސް ހިޖުރަކުރަން ޖެހިދާނެ،" އޮސްނަޓް ލުބްރާނީ ވިދާޅުވި އެވެ.

ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ 5000 އާއްމުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އަސްލު އަދަދު އެއަށްވުރެ ގިނަވާނެ ކަމަށް ލުބްރާނީ ވިދާޅުވި އެވެ.

މީގެ އިތުރުން ލުބްރާނީ ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި ވެސް ގިނަ ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.

ބައްދަލުވުން ނިންމާލައްވަމުން ލުބްރާނީ ވަނީ އާއްމުންގެ އިންސާނީ ހައްގުތަކަށް ރައްކާތެރި ވުމަށް ރަޝިއާއާއި ޔޫކްރެއިންއަށް ވެސް އިލްތިމާސް ކޮށްފަ އެވެ. -- އަލް އަރަބިއްޔާ