ކޮންމެ މީހަކަށްވެސް ނިދާގަޑިޔަކީ ފޯނު ޗާޖުކުރުމަށް އެންމެ ފަސޭހަ ގަޑިއެވެ. ގިނަ ސަބަބު ތަކަށްޓަކަ އެވެ.

އެ ގަޑީގައި އެއްވެސް މީހަކަށް މެސެޖުކުރަން ނުވަތަ ގުޅަން ނުޖެހޭނެތީ އެވެ. އިންޓަނެޓް ބޭނުންކުރުން ފަދަ އެއްވެސް ކަމެއް ފޯނުންނުކުރަން ނުޖެހޭނެތީ އެވެ. އަދި ނިދާ ހޭލައިގެން ދުވަހުގެ ކަންކަމާއި ކުރިމަތިލާއިރު ފޯނު އޮންނާނީ ފުރިހަމައަށް ޗާޖުވެފައިކަމަށް ވާތީ އެވެ.

އެހެންނަމަވެސް މިއީ ކިހާ ނުރައްކާތެރިކަމެއްކަން ގިނަ މީހުންނަށް އޮންނަނީ ނޭނގިފަ އެވެ.

ކޮންޒިއުމާ އެފެއާސްގެ ކަންކަމުގައި ތަޖުރިބާކާރު ފަރާތްތަކުން ބުނާގޮތުގައި ނިދާއިރު ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެގޮތަށް އަމަލުކުރުމުން އަލިފާނުގެ ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.

އެ ފަރާތްތަކުން ބުނާގޮތުގައި ފޯނު ގިނަ އިރުތަކެއް ވަންދެން ޗާޖަށްޖަހާފައި ބޭއްވުމުގެ އިތުރުން ޗާޖުކުރުމަށް ފޯނު ބާއްވާ ތަނަކީވެސް ސަމާލުވެ ވިސްނަންޖެހޭ ކަމެކެވެ.

ސަބަބަކީ ފޯނު ޗާޖަށް ޖަހައިފައި ގިނަ އިރުތަކެއް ވަންދެން ބޭއްވުމުން ފޯނުގެ ބެޓަރީ އޯވާރހީޓްވުމުގެ ފުރުސަތު އޮތުމާއިއެކު ހޫނުވެގެންގޮސް، ފޮތި ނުވަތަ ގޮދަނޑިފަދަ އަލިފާން ހިފުމުގެ ފުރުސަތު ބޮޑު ތަނެއްގައި ބޭއްވުމުން އަލިފާން ރޯވެދާނެތީއެވެ.

ބައެއް ތަޖުރިބާކާރު ފަރާތްތަކުން ވަނީ ފޯނު %100 އަށް ފުރިހަމައަށް ޗާޖު ކުރުމަކީވެސް ގޯސް ކަމެއްކަމަށް ބުނެފަ އެވެ. އެފަރާތްތަކުން އެހެން ބުނާ ސަބަބަކީ ފޯނުގެ ބެޓަރީގެ އުމުރު ކުރުވުމުގެ އިތުރުން ފޯނު ބޭނުން ކުރުމަށް ދަތިވެ އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭތީ އެވެ.

އެހެން ކަމުން ދެން ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހާފައި ބޭއްވުމުގެ ކުރިން އެކުރެވެނީ ކިހާ ނުރައްކާތެރިކަމެއްކަމާއިމެދު ވިސްނާލުން ރަނގަޅުވާނެ އެވެ.