ތެހްރާން (02 ޖުލައި) - މިއަދު ފަތިހު ދެކުނު އީރާނަށް ކުރިމަތިވި ބާރުގަަދަ ބިންހެލުމެއްގައި ފަސް މީހަކު މަރުވެ އިތުރު 19 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
6.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުން އައިސްފައިވަނީ ބަންޑަރް އައްބާސް އަވަށުގެ 100 ކިލޯމީޓަރު ހުޅަނގު ދެކުނު އޮންނަ ހޮރްމޮޒްގަން ކިޔާ ސަރަހައްދަކަށެވެ.
އެސަރަހައްދުގެ ގަވަރުނަރު މަހްދީ ދޯސްތީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ބިންހެލުމުގައި ފަސް މީހަކު މަރުވެފައިވާއިރު 19 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށެވެ.
ދޯސްތީ އިތުރަށް ވިދާޅުވީ ބިންހެލުމުގެ އުމްރާނީ ގިނަ ގެއްލުންތައް ލިބިފައިވަނީ ސަޔަހް ކޯސްޓް ނަމަކަށް ކިޔާ އަވަށަށް ކަމަށެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހުވެސް މި ސަރަހައްދަށް އައި ބިންހެލުމެއްގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖިއޮގްރަފީ ގޮތުން ހޮރްމޮޒްގަން އޮންނަނީ އެންމެ ގިނައިން ބިންހެލުން އަންނަ ދުނިޔޭގެ ދެ ފަށަލަ ފައްތަރުވާ ސަރަހައްދެއްގަ އެވެ. -- އަލް އަރަބިއްޔާ