އިސްތަށި ފޭބުމަކީ ހިތްދަތި ކަމެކެވެ. ދުވާލެއްގެ މައްޗަށް 100 އިސްތަށި ފޭބުން އެއީ އާދައިގެ ކަމަކަށްވާއިރު، އެއަށްވުރެ ގިނައިން އިސްތަށި ފައިބާ ނަމަ އެއީ އިސްތަށިގަނޑު ތުނިވެ ނިކަމެތިވާން މެދުވެރިވާ ކަމެކެވެ. އެހެން ކަމުން އިސްތަށިގަނޑު ތުނިވާކަން ފާހަގަ ކުރެވޭނަމަ ތިރީގައިވާ ކަންކަމަށް ސަމާލު ވެލާށެވެ.

ކެއުމާއި ކަސްރަތުކުރުން

ކިތަންމެ ރަނގަޅު ޝޭމްޕޫއެއް ބޭނުން ކުރި ނަމަވެސް އިސްތަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުގައި ނުހިމެނޭ ނަމަ އަދި އެދެވޭ ވަރަށް ކަސްރަތު ނުލިބޭނަމަ އިސްތަށި ފޭބުން ގިނަވެ އިސްތަށިގަނޑު ތުނިވާނެ އެވެ. އެހެންކަމުން ޕްރޮޓީން އާއި ދަގަނޑުގެ ބައި އެކުލެވޭ ބާވަތްތައް ކެއުމުގައި ގިނަ ކުރާށެވެ. އަދި ގަވާއިދުން ކަސްރަތު ކުރާށެވެ.

އިސްތަށިގަނޑުގެ ކޮޅު ބުރިކުރުން

އިސްތަށިތަކުގެ ކޮޅަކީ އެންމެ ބޮޑަށް ގެއްލުން ލިބޭ ހިސާބެވެ. މިފަދަ އިސްތަށިތައް ގިނަ ވާނަމަ އިސްތަށި ފޭބުން އިތުރުވެ އެވެ. އެހެން ކަމުން ގަަވާއިދުން އިސްތަށިގަނޑުގެ ކޮޅު ބުރިކުރުމަކީ މުހިއްމު ކަމެކެވެ. ގިނަވެގެން ކޮންމެ ތިންމަހަކުން އެއްފަހަރު އިސްތަށިގަނޑުގެ ކޮޅު ބުރިކޮށްލާށެވެ.

ގިނައިން ސްޓައިލް ނުކުރުން

ހޫނު ބޭނުންކޮށްގެން އިސްތަށިގަނޑު ސްޓައިލް ކުރާނަމަ އިސްތަށި ފޭބުމަށް މަގުފަހިވެ އެވެ. އެހެން ކަމުން ބްލޯ ޑްރަޔާސް އާއި ކާލިން އަޔަންތައް ބޭނުންކުރުން މަދުކޮށްލާށެވެ. އަދި ބޭނުންކުރި ނަމަވެސް ހޫނުމިން އެންމެ ދަށްކޮށް ބަހައްޓާށެވެ.