މަނީލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ޚާއްސަ މެސެޖެއް މިއަދު ދެއްވައިފި އެވެ.

ޕީޕީއެމް އިން މިއަދު ވަނީ ރައީސް ޔާމީން ސަޕޯޓަރުންނަށް ފޮނުއްވި މެސެޖް ޓްވީޓް ކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކުރުން ކަމަށެވެ.

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިކުރުމަށް ސާބިތުކަމާއި ހިއްވަރާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވިތާ މިއަދު އެއްހަރުވެފައިވާތީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކަނޑުމަތީގައި ޕީޕީއެމް، ޕީއެންސީން ވަނީ މުޒާހަރާކޮށްފަ އެވެ.