ކޮލަމްބޯ (09 ޖުލައި) ސްރީލަންކާގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ހޫނުވެ އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމަވައިފި އެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނަ މިކަން އިއުލާން ކުރައްވާފައިވަނީ މުޒާހަރާގެ ބައިވެރިން ރައީސް ގޮޓަބަޔަގެ ގަނޑުވަރު ތެރެއަށް ވަދެގަނެފައި ވަނިކޮށެވެ.

އަބޭވަރުދަނަ އިތުރަށް ވިދާޅުވީ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދަން ރައީސްގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމާއެކު ގޮޓަބަޔަ ވަނީ އަސްކަރީ ރައްކާތެރިކަމާއެކު ގަނޑުވަރު ދޫކުރައްވައި ވަޑައިގަންނަވާފަ އެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމަކީ ރައީސް ގޮޓަބަޔަގެ ސަރުކާރުގެ ނާގާބިލު ކަމުން ކުރިމަތިވި ކަމެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އަޑު އުފުލާފަ އެވެ.

މި މުޒާހަރާތަކުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެގެ ގޮކޮޅުގައި ހުޅުޖަހާފައިވާއިރު ރަނިލް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްރީލަންކާގެ ފޮރިން ރިޒާވް ހުސްވެ އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުން ތަކެއް ވަނީ ކުރިމަތިވެފަ އެވެ. -- ރޮއިޓާސް