އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމުގެ ކޮސްޓް އެންޑް ބެނެފިޓް އެނެލިސިސްއެއް ހެދުމަށް ބަޖެޓް ދިރާސާ ރިޕޯޓްގައި ހުށައަޅައިފި އެވެ.
ބަޖެޓް ދިރާސާ ރިޕޯޓް ހުށައަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމުގެ ސަބަބުން ކުރިމަގުގައި ދައުލަތުން އުފުލަންޖެހޭނީ ކިހާ ޚަރަދެއް ކަމާއި، އަދި މީގެ ސަބަބުން ރައްޔިތުންނަށް އަންނާނެ އިމްޕެކްޓް އެނެލިސިސް އެއް ހެދިފައި ނުވާ ކަމަށެވެ.
ދައުލަތަށް އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމުގެ ތެރޭގައި ބިންވިއްކުމާއި، އިތުރު އޮޕަރޭޓަރުންނަށް މުވާސަލާތީ ޚިދްމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި ބައެއް ކުންފުނިތައް ޕްރައިވެޓައިޒްކުރުން ފަދަ ކަންކަން ހިމެނެ އެވެ. ބަޖެޓް ދިރާސާ ރިޕޯޓްގައި ވަނީ މިފަދަ ކަންކަން ތަންފީޒު ކުރުމުގައި ކޮސްޓް އެންޑް ބެނެފިޓް އެނެލިސިސް ހަދާ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ކަންކަން ނިންމުމަށް ހުށައަޅާފަ އެވެ.
ބަޖެޓް ރިޕޯޓުގައި އިތުރު ކަންތައްތައްކެއް ވެސް ރިކޮމެންޑޭޝަންގެ ގޮތުގައި ހުށައަޅާފައިވެ އެވެ. އެގޮތުން ރާއްޖޭގެ މާކެޓްގައި ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށާއި އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ގާނޫނާއި ގަވައިދުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށް އެމްއެމްއޭއަށް ދެންނެވުމަށް ވެސް ހުށައަޅާފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ މުއްސަސާތަކުގެ މަސައްކަތްތައް ޑުޕްލިކޭޓްވުމަކީ ދައުލަތުގެ ޚަރަދު އިތުރުވާ ކަމަކަށްވާތީ އެއްބާވަތެއްގެ ޚިދްމަތްދޭ ސަރުކާރުގެ އިދާރާތައް އެއްކޮށްލުމަށާއި ދައުލަތުގެ ވަސީލަތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދައި ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ހުށައަޅާފައިވެ އެވެ. އަދި ސަރުކާރުން ކުންފުނިތަކަށް ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށް ކުންފުނިތަކުން ދެމެހެއްޓެނިވި އާމްދަނީއެއް ނުލިބޭނަމަ އެކުންފުނިތައް އުވާލުމަށާއި އަދި ޚަރަދު ދެކޮޅު ޖެއްސުމަށް ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ވެސް ވަނީ ހުށައަޅާފަ އެވެ.
ކޮވިޑް- 19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައި އޮތުމުގެ ސަބަބުންނާއި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ޜާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާތީ ބޭރުގެ ފަރާތްތަކަށް ސުކޫކު ނުވަތަ ބޮންޑް އިޝޫކުރުމުގައި އަދި ބޭރުގެ މާލީ އިދާރާތަކުން އެންމެ އެދެވޭ ޓާމްސްގައި ފައިނޭންސް ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެތީ އެދެވޭ ޓާމްސްގައި ފައިނޭންސިން ހޯދުމަށް ދުރާލާ މަސައްކަތް ކުރުމަށް ވެސް ހުށައަޅާފައިވެ އެވެ.