ބަދިގޭގެ ހިފާގެންގުޅޭ ތަކެތި ގަތުމުގައި އެންމެންވެސް ހުދު ކުލައަށް ވަރަށް އިސްކަންދެ އެވެ. ނަމަވެސް މިފަހުން ހަދާފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި ހުދު ކުލައިގެ ތަށިތަކުގައި ކާނަމަ ކެވޭ މިންވަރު އިތުރުވެ އެވެ<

ސްޕެއިންގެ ވެލެންސިއާ ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނީ ހުދު ކުލައިގެ ތަށީގައި ކާ ނަމަ ކެވޭ މިންވަރު އިތުރުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކެއުން ކޮންޓްރޯލްކުރަން އުނދަގޫވުމާއި، ކެވޭ މިންވަރު މާ ބޮޑަށް އިތުރުވެ، ފަލަވުން ފަދަ މައްސަލތަައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާން އެންމެ ރަނގަޅީ ގަދަ ކުލަތަކުގެ ތަށީގަ އެވެ. އެފަދަ ތަށިތަކުގައި ކެއުމުން ކާ އެއްޗެހިން ލާން ޖެހޭ އަސްލު ރަހަ އާއި ކާ އެއްޗެހީގެ މީރުކަން 13 ޕަސެންޓަށް އިތުރުވާ ކަމަށާއި ފަރުވާތެރިކަމާ އެކު ކެއުމަށް ދެވޭ ސަމާލުކަން ނުވަ ޕަސެންޓަށް އިތުރުވެ ފޮނި އެއްޗެހިން ދޭންވާ ފޮނި ރަހަ ހަތް ޕަސެންޓް އިތުރުވާ ކަމަށް ބުންޏެވެ.

ދިރާސާގައި ބުނި ގޮތުގައި ކާތަށީގެ ކުލަ އާއި ކެވޭ މިންވަރުން މީހާގެ ސިކުނޑި އަށް ފޮނުވައިދޭ މެސެޖްތައް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ. ހުދު ތައްޓެއްގައި ކާ ނަމަ ދިމާވާ ގޮތަކީ ތައްޓަށް ވީހާ ވެސް ގިނައިން އެއްޗެހި އަޅަން ސިކުނޑި ސިގްނަލް ދިނުމެވެ. ސަބަބަކީ ޕޯޝަން ކުޑަކޮށްލާ ނަމަ ތަށީގެ އެއްޗެއް ނެތްކަމުގެ ނުރަނގަޅު ސިގްނަލް ދިނުމެވެ.

މީގެ އިތުރަށް ޖޫސް ފަދަ އެއްޗެހި ބޯން އެންމެ ރަނގަޅީ ހިމަކޮށް ދިގުކޮށް ހުންނަ ބިއްލޫރި ތަށީގައި ކަމަށް ދިރާސާގައި ބުންޏެވެ. އޭރުން ބޮވޭ މިންވަރު ވެސް ކޮންޓްރޯލްވުމަށް މަގުފަހިކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.