ގައިން ގަޔަށް އަރާ ބަލިތައް މަދު ކުރުމަށްޓަކައި ދިފާއީ ނިޒާމް ވަރުގަދަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށްޓަކައި ކެއިން ބުއިމަށާއި ދިރިއުޅުމުގެ އާދަތައް ބަދަލު ކުރެވިދާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންވާ ބައެއް މާއްދާ ތަކަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން އޭ އަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ލިއްބައިދޭ އެންޓިބޮޑީތަކަށް މަގުފަހިކޮށްދޭ ވައިޓް ބްލަޑް ސެލްތައް އާލާވުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. މީގެ ސަބަބުން ދިފާއި ނިޒާމަށް ހަމަލާ ދޭ އަދި ރައްކާތެރިކޮށްދޭ ސެލްތަކުގެ މަސައްކަތަކަށް ބާރު ލިބެ އެވެ.

ވިޓަމިން އޭ ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ބިހާއި ފެހިކަން ގަދަ ތަރުކާރީ އާއި އަނބާއި އޮރެންޖާއި ފަޅޮލާއި ކަރަ އާއި ފޭރާއި ކައްޓަލަ އާއި ކެރަޓްގެ އިތުރުން މަހުގެ ބާވަތްތަކުގެ ތެރެއިން ސަލްމަން އާއި މެކެރަލް ހިމެނެ އެވެ.

ވިޓަމިން ސީ މަޝްހޫރު ވެފައިވަނީ ވެސް ދިފާއީ ނިޒާމަށް އެންމެ ރަނގަޅު އެއް މާއްދާގެ ގޮތުގަ އެވެ. ވިޓަމިން ސީ ލިއްބައިދޭނެ ބާވަތްތަކުގެ ތެރޭގައި އޮރެންޖާއި ސްޓޯބެރީ އާއި ގްރޭޕްފުރުޓާއި ބްރޮކޮލީ އާއި ސްޕިނެޗާއި ބެލް ޕެޕާ އާއި ކޭލް ފަދަ ބާވަތްތައް ހިމެނެ އެވެ.

ވިޓަމިން ޑީ އަކީ ދިފާއީ ނިޒާމަށް ހަމަލާދޭ އެކި ކަހަލަ އިންފެކްޝަންތަކުން ރައްކާތެރިކަން ހޯދަން މުހިއްމު މާއްދާއެކެވެ. މި ވިޓަމިން ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ބިހުގެ ގޮނބޮޅި އާއި މަޝްރޫމް ހިމެނެ އަދި ސަލްމަން މަސް ހިމެނެ އެވެ. އަދި ވިޓަމިން ޑީ އަކީ ސަޕްލިމަންޓްތަކުން ވެސް ހޯދިދާނެ މާއްދާއެކެވެ.

ވިޓަމިން ބީ6 މުހިއްމު ވަނީ މިއީ ދިފާއީ ނިޒާމަށް ބައޮކެމިކަލް ރިއަކްޝަންތަކަށް މުހިއްމު މާއްދާއަކަށްވުމެވެ. އަދި މިއީ ހަށިގަނޑުގެ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކޮށްދޭނެ އެންޓިއޮކްސިޑަންޓްތައް ހިމެނޭ މާއްދާއެކެވެ. ވިޓަމިން ބީ6 ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ކުކުޅު މަސް، ސޭމަން، ކަޅުބިލަ މަސް، ފެހި ތަރުކާރީ އަދި ސަނާމުގު ހިމެނެ އެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމި ވަރުގަދަކޮށްދޭ ޒިންކް ލިއްބައިދޭ ކާނާތަކަށް ބަލާ އިރު، ބަރަބޯ، ބިސް، ކަނޑުމަހުގެ ބާވަތްތައް، އެކި ވައްތަރުގެ މުގު އަދި ސަންފްލާވާ އޮށް ފަދަ ތަކެތި ހިމެނެ އެވެ.