އުމުރުން ދުވަސްވުމުން ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހުމާ ދުރުކޮށްދޭ އެކައްޗަކީ އެކި ބާވަތުގެ ބަދަން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އޭޖް އެންޑް އޭޖިން ޖާނަލްގައި ޝާއިއުކޮށްފައިވާ ސިންގަޕޫރްގެ ނެޝަނަލް ޔުނިވަސިޓީގެ ދިރާސާގައި ބުނެފައިވަނީ އުމުރުން 40 އިން މަތިވާ ފަހުން ބަދަނުގެ ބާވަތްތައް ކެއުން އިތުރުކޮށްފި ނަމަ، ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ.

އެ ދިރާސާގައި ބައިވެރިކުރި 40 އަހަރުން މަތީގެ މީހުންގެ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތާއި އެ މީހުންގެ ޑައިޓްގައި ބަދަނުގެ ބާވަތްތައް ބޭނުންކުރާ މިންވަރާއި އޭގެ ސަބަބުން ސިއްހަތަށް އައި ކުރިއެރުންތަކަކީ ކޮބައިތޯ ބަލާފައިވެ އެވެ. އެގޮތުން ފާހަގަކުރެވުނު އެއް ކަމަކީ ބަދަން ބޭނުންކުރި މީހުންނަށް ހަނދާން ނެތޭ ބަލި ޖެހުން މަދު ކަމެވެ.

ދިރާސާގައި ބުނެފައިވަނީ 40 އަހަރުން މަތީގެ މީހުން ހަފުތާއަކު މަދުވެގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ބަދަން ކާ ނަމަ، ހަނދާން ނެތޭ ބަލި ކުރިމަތިވުމުގެ ފުރުސަތު އެ ނޫން މީހުންނާ އަޅާބަލާ އިރު ފަސްގުނަ ކުޑަކޮށްދޭ ކަމަށެވެ.

އެހެންވެ ނަޓްސްކާ މީހުންގެ އުމުރުން 60، 70 އަދި 80 އަހަރު މަތިވާ އިރު ވެސް ހަނދާން ނެތޭ މައްސަލަ ކުޑަކޮށްދޭ ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ދިރާސާގައި ވަނީ އެންމެ މަދުވެގެން ހަފުތާ އަކު އެއް ދުވަހު ވިޔަސް ބަދަނުގެ ބާވަތްތައް ކާން އިރުޝާދު ވެސް ދީފަ އެވެ.