މޯބައިލް ފޯނުގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވެދާނެ މައްސަލައް އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް މި ފަހަރު މި ބަލައިލަނީ މޯބައިލް ފޯނުގެ ސަބަބުން ކުރިމަތިވާ ރޭޑިއޭޝަންގެ މައްސަލައަކަށް ނޫނެވެ. ސްމާޓް ފޯންތަކަށް ބެލުމުގެ ސަބަބުން އިތުރުވަމުން އަންނަ ބުރަކަށީގެ މައްސަލަ ތަކަށެވެ.

ސާޖަރީ ޓެކްނޮލޮޖީ އިންޓަނޭޝަނަލްގެ ފަރާތުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މޯބައިލް ފޯނަށް ބަލަން އިނދެވޭ ގޮތަކުން މައިބަދައަށް 60 ޕައުންޑް (ގާތްގަނޑަކަށް 27 ކިލޯ) ގެ ބަރުދަން އުފުލަން ޖެހެ އެވެ.

މިހެން ދިމާވަނީ އެ މީހަކު ފޯނަށް ބަލަން އިންނައިރު ބޯ އަރިކުރާ ނިސްބަތަކުންނެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް މީހަކު 150 އަށްވުރެ ގިނަ ފަހަރު ފޯނަށް ބަލަ އެވެ. އެއީ އެވްރެޖްކޮށް ބަލާ ނަމަ ކޮންމެ ހަ މިނެޓަކުން އެއް ފަހަރު އެވެ.

އެވްރެޖްކޮށް އިންސާނެއްގެ ބޮލުގައި ފަސް ކިލޯގެ ބަރުދަން ހުންނައިރު 15 ޑިގްރީއަށް ބޯ އަރިކޮށްފިނަމަ 12 ކިލޯގެ ބަރުދަނާ އެއްވަރުގެ ނިސްބަތެއް މައިބަދައަށް އުފުލަން ޖެހެ އެވެ. އަދި 30 ޑިގްރީއަށް އަރިކޮށްފިނަމަ 18 ކިލޯއާ އެއްވަރުގެ ބަރުދަނެއް އުފުލަން ޖެހޭއިރު 60 ޑިގްރީއަށް އަރިކޮށްފިނަމަ 27 ކިލޯ ނުވަތަ 60 ޕައުންޑްގެ ބަރުދަނާ އެއްވަރެއް އުފުލަން ޖެހެ އެވެ.

"އެއް ދުވަހު ގިނައިރު މޯބައިލް ފޯނު ބޭނުންކުރުމުގެ ސަބަބުން މިހެން ދިމާނުވެ ހުރެދާނެ. ނަމަވެސް ބުރަކަށީގެ މަސްތަކާއި ކަރުގެ މަސްތަކުގެ ބާރު ދަށްވެ އޮޕަރޭޝަނާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އަވަސްވެގެން ދާނެ." ބުރަކަށީގެ ސާޖަންއެއް ކަމަށްވާ ކެނެތު ހެންސްރާޖް އިތުރަށް ބުންޏެވެ.

މޯބައިލް ފޯނުގެ ސަބަބުން ދިމާވާ ބުރަކަށީގެ މައްސަލަތަކާމެދު ތިމާ ހާސްނުވާނަމަ މޯބައިލް ފޯނުގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވާ ކެންސަރާމެދު ވިސްނާލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިލަމާތޯ އެވެ.