ފެނަކަ ކޯޕަރޭޝަންއަށް 35 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

މިއީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނު ފަހުން ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އޮޑިޓާ ޖެނެރަލް މިދިޔަ ހަފުތާގައި ނެރުއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެރިފް ރޭޓް ފަރަގަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިން 434,63 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ގޭގެއަށް ކަރަންޓް ދީގެން 397,3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ޚަރަދުތަކަށް ބަލާއިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަންގެ ގޮތުގައި ކުރި ހަރަދާއި ދަތުރުފަތުރަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 317.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 2018 ވަނަ އަހަރުގެ ހޭދަކޮށްފައި ވަނީ 282.4 މިލިއަން ރުފިޔާ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުނީގެ ދަރަނީގެ ގޮތުގައި 787.6 މިލިއަން ރުފިޔާ އެބައޮތެވެ.