ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

ރައީސް ސޯލިހު، ރާއްޖެއިން ފެޑެރަލް ރިޕަބްލިކް އޮފް ޖާމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް، އައްޔަން ކުރެއްވީ ގަލޮޅު ޕެންޒީމާގެ 1، ޢާއިޝަތު ޝާން ޝާކިރު އަދި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، ގަލޮޅު ސަމަންތާ، އަޙްމަދު ޝިޢާން އެވެ.

އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމަށް މިއަދު އައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މިއަދު އައްޔަނުކުރެއްވި، އަޙްމަދު ޝިޢާން ކުރިން ހުންނެވީ، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގަ އެވެ.