ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރެރިޒަމް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުން މިއަދު ވަކިކޮށްފި އެވެ.

ބާރީ މަގާމުން ވަކިކުރުމާމެދު ގޮތް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި،މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ގާޒީ ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށެވެ. މިއަދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަގުލަބިއްޔަތުން ގާޒީ ބާރީ މަގާމުން ވަކިކުރުމަށްވަނީ ނިންމާފަ އެވެ.

ބާރީ ވަކިކުރަން މެމްބަރުން ވޯޓު ދެއްވުމުން ވޯޓު ނަގައި ނިމުމުން މުގުރު ޖަހާލުމަށްފަހު، އެ ވަގުތު ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަޑަށް ބާރު ލައްވާފައި ވިދާޅުވީ "އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުން ވަކިވީ" ކަމަށެވެ. އަދި ކުޑަކޮށް ހިނިފުޅުވަޑުވާލެއްވި އެވެ.

ފަނޑިޔާރު ބާރީގެ ވޯޓު ނެގުމާ ހަމަޔަށް ދިއުމުން ނަޝީދު ވަނީ ރިޔާސަތު ދޫކޮށްލައްވައި ވަޑައިގެންފަ އެވެ.

ޖޭއެސްސީން ގާޒީ ބާރީގެ ގިނަ މައްސަލަތަކެއް ބަލާ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ހުށައަޅާފަ އެވެ. ބާރީ ސަސްޕެންޑް ކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުންނެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ.

ބާރީ ބެއްލެވި މައްސަލަތަކުގެ ތެރެއިން ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތުގައި ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމްގެ ކޮޕީއެއް އަދީބަށް ފޮނުވަން ނިންމި ކަމަށާ ބާރީ ފްލެޓެއް ބޭނުން ވުމުން އެކަންވެސް ކޮށްދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދީބް، ބާރީއަށް ފަސް ލައްކަ ރުފިޔާ ވެސް ދީފައިވާ ކަމަށާ ފްލެޓަށް ބާރީ ދެއްކި ހަ ލައްކަ ރުފިޔާއަކީ ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަަށްވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

މީގެއިތުރުން ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކިކުރަން ވެސް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އޭނާ ވަކިކުރުމަށް ވެސް 62 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ޖޭއެސްސީން ނިންމާ އެމައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށައެޅީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ. މި ދެ މައްސަލަ ހިންގާފައި ވަނީ ކުރިން މި މައްސަލައިގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ.