ކޮލަމްބޯ (21 ޖުލައި) - ހުސްވެފައިވާ ސްރީލަންކާގެ ރައީސްކަމުގެ މަގާމުގެ ހުވާ މިހާރު ބޮޑުވަޒީރު ރަނިލް ވިކުރަމަސިންހަ ކުރައްވައިފި އެވެ.

ރަނިލް ރައީސް ކަމުގެ ހުވާ ކުރައްވާފައި މިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އޭނާ ރައީސް ކަމަށް އިސްކުރަން ވޯޓުދިންތާ އެއް ދުވަސް ފަހުންނެވެ.

ހަވަނަ ފަހަރަށް ސްރީލަންކާގެ ބޮޑު ވަޒީރުކަން ކުރަމުން އައި ރަނިލް ރައީސް ކަމަށް އިސްވެ ވަޑައިގަތީ އެ މަގާމުގައި ކުރިން ހުންނެވި ގޮޓަބަޔަ ރާޖަޕަކްސަ ގައުމުން ފިއްލަވައި އިސްތިއުފާ ދިނުމުންނެވެ.

ރަނިލް ހުވާ ކުރައްވާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި މިއަދުގެ ވަގުތެއްގަ އެވެ.

22 މިލިއަން މީހުންގެ އާބާދީ އޮންނަ ސްރީލަންކާގެ އިގްތިސާދު ވަނީ އެގައުމު މިނިވަން ވީއްސުރެ ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ.

ގޮޓަބަޔަގެ ސަރުކާރުން ހާލަތު މޮނިޓާ ކުރަން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުވެ އިދިކޮޅާއި އާއްމު ރައްޔިތުން ކުރި މުޒާހަރާގެ ނަތީޖާއަކަށް ވީ ތިން މަސް ދުވަހުގެ ތެރޭގައި އެގައުމުގެ ކެބިނެޓާއި ރައީސް ވެސް އިސްތިއުފާ ދިނުމެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރަނިލް ވިދާޅުވީ އޭނާއަކީ ރާޖަޕަކްސަ އާއިލާގެ ރަހުމަތްތެރިއެއް ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑަށް އާއްމު ރައްޔިތުންގެ މީހެއް ކަމަށެވެ. -- އަލް އަރަބިއްޔާ