ތަފާތު ބަލިތައް ޖައްސާ ޖަރާސީމު އެންމެ ފަސޭހައިން ގަޔަށް އަރާކަމަށް ބެލެވިފައި އޮންނަނީ ފާހާނާއިންނެވެ. އެކަމަކު މި ފަހުން ހެދި ދިރާސާއެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ.

ޖާމަނީގެ ޖާނަލް ސައިންޓިފިކުން ކުރި ދިރާސާގެ އަލީގައި ބުނެފައިވަނީ ބަދިގެއަކީ ފާހާނާއަށް ވުރެ ފަސޭހައިން ގަޔަށް ބަލިޖައްސާ ޖަރާސީމު އުފެދޭ ތަނެއް ކަމަށެވެ.

ބަދިގޭގައި އެންމެ ނުރައްކާތެރި ޖަރާސީމު އުފެދެނީ ސާފު ކުރަން ބޭނުން ކުރާ ސްޕޮންޖުގަ އެވެ. އެގޮތުން ނުރައްކާތެރި ދެ ވައްތަރެއްގެ ޖަރާސީމެއް ސްޕޮންޖުގައި އުފެދޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް ބަދިގޭގެ ތަންތަން ސާފު ކުރުމަށާއި ތަށި ދޮވުމަށް ބޭނުން ކުރާ 14 ވައްތަރެއްގެ ސްޕޮންޖެއް ބޭނުން ކުރި އެވެ. އޭގެ ތެރެއިން ނަގާފައިވާ އެއް ސާމްޕަލް އަކުން 54 ބިލިއަން ޖަރާސީމު ފެނިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ދޮވުނަސް އޭގައި ހުންނަ ޖަރާސީމުތަކެއް ނުދެ އެވެ.

ސްޕޮންޖުގައި އުފެދޭ ޖަރާސީމުން ޖެހޭ ބަލިތަކުގެ ތެރޭގައި ކޮލެރާ، ހުން އައުން އަދި ކާނާ ވިހަވުން ހިމެނެ އެވެ. އެ ދިރާސާ ކުރި ޓީމުން ބުނީ ނަތީޖާއަށް ބަލާއިރު ކާނާ ވިހަވުމާ ގުޅިފައިވާ ގިނަ ބަލިތަކަކީ ސޮޕޮންޖާ ވެސް ގުޅުން ހުރި ބަލިތަކެކެވެ.

އެ ޓީމުން ލަފާދީފައިވަނީ ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ކޮންމެ ހަފްތާއަކު އެއްފަހަރު ބަދަލު ކުރުމަށެވެ