ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އާޓްސް އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ސިނަމާ ހުޅުވުމުގެ ގޮތުން އެތަނުގެ ބޮޑެތި މަރާމާތުތަކެއް މިހާރު ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެންމެ ބޭނުންވި ސްޕީޑްގައި މަސައްކަތް ނުކުރެވުނީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް މި އަހަރުގެ ކުރީކޮޅު ފެށި ހަނގުރާމައާ ހެދި ދަތުރުފަތުރުގެ އަގު ބޮޑުވެ މުދަލުގެ އަގު ވެސް ބޮޑުވުމުން ކަމަށެވެ.

އެންސީއޭ އިން ބުނީ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވުމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އޮލިމްޕަސް ހުރީ ބަންދުކޮށްފަ އެވެ. މިދިޔަ މާޗް މަހުން ފެށިގެން މިހާރު ކުރިއަށް ދަނީ އެތަން މަރާމާތު ކުރުމުގެ ދެވަނަ މަޝްރޫއު އެވެ.

އޮލިމްޕަސް ބަންދުކުރި އިރު އެ ސިނަމާގައި އެންމެ ފަހުން ދެއްކި ފިލްމަކީ އަލީ ސީޒަން ޑައިރެކްޓްކޮށް، ކުޅުނު "އަނދިރިކަން" އެވެ.

އޮލިމްޕަސް ނުހުޅުވި ދިގުލައިގެންދާތީ ފިލްމީ ދާއިރާ އިން ތަކުރާރުކޮށް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޮލިމްޕަސް ހުޅުވުން ލަސްވާތީ އެ މައްސަލާގައި ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

އަދި މީގެ އިތުރުން އޮލިމްޕަސް މަރާމާތުކޮށް ހުޅުވަން ލަސްވަމުން ދާތީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުވުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.