ބަރުދަން ލުއި ކުރަން ނުވަތަ ހިކެން ބޭނުން ނަމަ ވީހާވެސް މަދުން ކައި، ވަކި ބާވަތްތަކެއް ނޫނީ ނުކެއުމަަށް ބައެއް ސިއްހީ ތަޖުރިބާކާރުން ލަފާ ދެ އެވެ. އެކަމަކު‏ މިފަހަރު ތަފާތެވެ. މިފަހަރު މިއޮތީ އިންޓަމިޓެންޓް ފާސްޓިން އެވެ.

އެމެރިކާގެ ލޯމަ ލިންޑާ ޔުނިވާސިޓީން ކުރި ދިރާސާއަކަށް ފަހު ބުނެފައިވަނީ ބަރުދަން ލުއި ކުރުމަށް އެންމެ މޮޅު ގޮތަކީ ކާ ގަޑިތަކަށް ބަދަލެއް ގެނައުމެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ ދުވާލު ދެފަހަރު ކެއުމެވެ. ދެން ރޭގަނޑު ހުންނަންވީ އެއްވެސް އެއްޗެއް ނުކަ އެވެ. ނުވަތަ ރޯދަ އަށެވެ.

އޭގެ ތެރެއިން ކޮންމެ ދުވަހަކު ހެނދުނުގެ ސައި ދުވާލު ކޮންމެހެންވެސް ބޯންވާނެ އެވެ. ހެނދުނު ސައިގައި ގިނައިން ކެއުމަކި ބަރުދަން ލުއިވާ ކަމެެއް ކަމަށް މީގެ ކުރީގެ ދިރާސާއަކުންވެސް ދައްކާފައިވެ އެވެ. ރޭގަނޑު ހިމެނޭ ގޮތަށް ގިނަވެގެން 18 ގަޑި އިރު ނުކައި ހުރެވޭތޯ ބަލަންވާނެ އެވެ. މިގޮތަށް ކެއުން ބަދަލު ކޮށްލާ ފުރަތަމަ ދުވަސް ކޮޅު ވަރުބަލިވެ ހަށިގަނޑުގައި ހަކަތަ ނުހުންނަ ގޮތް ވިޔަސް ފަހުން ރަނގަޅުވާނެ އެވެ.

ލޯމަ ލިންޑާ ޔުނިވާސިޓީން މި ދިރާސާ ކޮށްފައިވަނީ އުމުރުން 30 އަހަރުން މަތީގެ 50،665 މީހުން ބައިވެރި ކޮށްގެންނެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވަނީ އެންމެ ފަސޭހައިން ފަލަވުމުގެ ފުރުސަތު ބޮޑީ ރޭގަނޑު މާގަދަޔަށް ކާތީ އެވެ. އަދި ދުވާލަކު ތިން ފަހަރަށްވުރެ ގިނައިން ކާނަމަވެސް ފަލަވުމުގެ ފުރުސަތު ބޮޑެވެ. ލުއި ކާނާ ކެއުންވެސް އެ ދިރާސާ ކުރި ޓީމުން ބަލަނީ އިތުރު ކެއުމެއްގެ ގޮތުގައި އެވެ.