ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި، އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ އަގުތައް އިއުލާންކޮށްފި އެވެ.
ފްލެޓްގެ އަގުތައް ހާމަކޮށްފައިވަނީ ތާޖުއްދީން ސްކޫލު ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނާއެކު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ 360 މުވައްޒަފުންނަށް ފްލެޓް ލިބޭނެ ކަމަށާއި އެ ފްލެޓްތައް އަޅަން 640 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އަދި 15 ބުރީގެ ދެ ޓަވަރުގެ އިތުރު ކަންތައްތައް ހިމެނުމުން ކުރަން ޖެހޭ ބައެއް ކަންކަމާއެކު އެ އަދަދު 700 މިލިއަން ރުފިޔާއަށް ކައިރިކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފްލެޓްތައް ހެދުމަށް ހޭދަވި 640 މިލިއަން ރުފިޔާއަކީ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ.
"މިވަރުގެ ކަމެއް ކޮށްދިނީމަ ތިމަންނަ ކުންފުންޏަށް ކޮށްދޭންވީ ކޮންކަމެއްހޭ. އަޅުގަނޑުމެން އެދެނީ ކުންފުނީގެ މުވައްޒަފުން ޝުކުރުވެރިކަމާއެކީ ބަލައިގަންނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ރީތި ނަން ހޯދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިކަމާއެކީ ފަރުވާތެރިކަމާއެކީ ރައްޔިތުން ބަލައިގަންނަ މިންވަރަށް ފޯރުކޮށްދީގެން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ ފްލެޓްތަކަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ވަދެވޭނެ ކަމަށެވެ.
ފްލެޓުގެ އަގުތައް:
- އެއް ކޮޓަރީގެ އެޕާޓްމަންޓް: ކުލީގެ ގޮތުގައި މަހަކު 5،622 ރުފިޔާ، މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ
- 2+1 ކޮޓަރީގެ އެޕާޓްމަންޓް: ކުލީގެ ގޮތުގައި 10،652- 10،356 ރުފިޔާއާ ދެމެދުގެ އަދަދެއް، މެއިންޓަނެންސް ފީގެ ގޮތުގައި 1،300 ރުފިޔާ
ޝަރީފް ވިދާޅުވީ، އެއް އަހަރު ދުވަސްވަންދެން މެއިންޓަނެންސް މައްސަލަތައް ސްޓެލްކޯއިން ހައްލުކޮށްދޭނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރުގެ ނިޔަލަށް ކުލި ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަން ދިގު މުއްދަތަކަށް ރަނގަޅަށް ބެލެހެއްޓޭނީ މެއިންޓަނަސް ފީއެއް ނަގަން ޖެހޭނެ. އަޅުގަނޑުމެން ވަކި ސެކިއުރިޓީ ހަމަޖެހެންދެން ކުންފުނީގެ ސެކިއުރިޓީން ތިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކުގެ އަގު މައްޗަށް ޖައްސާލެވޭނެ ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ. އަދި ފްލެޓްތައް ވިއްކާލަން ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ވިސްނަން ދެ ޓަވަރު ދެމެދުގައި ސްވިމިން ޕޫލެއް އަޅަން. އަދި ކުޑަކުދިންނަށް ޕްލޭ އޭރިއާއެއް ވެސް ތަރައްގީކޮށް، ވަށައި ޖަހައިފައިވާ ފެންސް މައްޗަށް ހިއްލަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ ކުންފުނިން ފުރަތަމަ ފްލެޓް ދިން އިރު އޮތީ ބޭނުން މުވައްޒަފަކަށް ކުރިމަތިލެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އޭރު އެތަން ލޮލަށް ނުފެންނާނީތީ ގިނަ މުވައްޒަފުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އޭރު އެހާ ގިނަ ބަޔަކު ކުރިމަތި ނުލައްވާ. ފްލެޓްގެ ދެތިން ބުރި މައްޗަށް އެރީމަ ހުރިހާ މުވައްޒަފުންނަށް އެނގިއްޖެ ފްލެޓް އެބަ އާދޭކަން. ދެން ދެވަނަ ބުރަށް އުސޫލެއް ހެދީ. އުސޫލެއް ހަދައި އެ އުސޫލާ އެއްގޮތަށް ދެވިފައި ހުރީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯއިން ހެދި ފްލެޓެއް ކުންފުނީގެ ބޯޑުން އެކުލަވާލި އުސޫލާ ހިލާފަށް ދީފައި ނެތް ކަމަށެވެ. އަދި އެއާ ހިލާފަށް ދިން ފްލެޓެއް ހުރި ނަމަ އަތުލަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.