މިއަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ރަސްމީ ޖަލްސާ ނޯންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް، މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

ނަމަވެސް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ވަނީ ނިންމާފަ އެވެ. އަދި މިއަހަރު ފުޅަނދު ބުރުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ކުރިން ނިންމި ނަމަވެސް، އެ ހަރަކާތް ވެސް ފަހުން ވަނީ ނުބޭއްވުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފުޅަނދު ބުރު ހަރަކާތަކީ އެކިއެކި ކުންފުނިތައް ބައިވެރިވެގެން ހިންގާ ބޮޑު ހަރަކާތެކެވެ.

ފުޅަނދު ބުރު އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފަސް ކުންފުންޏަކުން ބައިވެރިވި އެވެ. މިއަހަރު ވެސް ފުޅަނދު ބުރު ބޭއްވުމަށް ކުންފުނިތަކަށް ހުށައެޅި ނަމަވެސް، ފަހުން ވަނީ އެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް ގައުމީ ދިފާއީ ބާރުން ވަނީ ޕެރޭޑެއް ބޭއްވުމަށް ނިންމާފަ އެވެ. މިއީ މިނިވަން ދުވަސް ފާހަގަކުރުމާއި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ.