އަވަސް އަވަހާ ބަނޑުހައިވޭ ހެއްޔެވެ؟ މިގޮތަށް ބަނޑުހައިވުމުން ގިނައިން ކާންޖެހި ފަލަވާގޮތް ވޭހެއްޔެވެ؟ މިގޮތަށް ކަންވާނަމަ އަދި ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ހެނދުނުގެ ނާސްތާގައި ގިނައިން މަޝްރޫމް ބޭނުން ކުރާށެވެ. ސަބަބުތަކަށް ބަލާލާނަމެވެ.

މަޝްރޫމް ކެއުމުން ބަނޑު ފުރިފައިވާ ކަމުގެ އިހުސާސެއް ގެނެސްދީ އަވަސް އަވަހާ ބަނޑުހައި ހޫނުކަމުން، ދުރުކޮށްދެ އެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް މިނިސޯޓާ އިން ހޯދި ހޯދުމަކުން ސާބިތު ވެފައިވާ ގޮތުގައި މަހުގެ ބަދަލުގައި ގިނައިން މަޝްރޫމް ބޭނުން ކުރުމުން ދުވާލުގެ ބާކީ އޮންނަ ވަގުތުގައި ބަނޑުހައިވާ މިންވަރު ކުޑަވެފައި ކާހިތްވާ މިންވަރު މަދުވެ އެވެ.

މިއީ ބަރުދަން ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމެކެވެ. އަދި މީގެ އިތުރުން ސަރުބީ ވިރުވައިދިނުމަށް ބޭނުންވާ ވިޓަމިން ބީގެ މިންވަރު މަޝްރޫމްގައި ގިނަ އެވެެ. އެހެންކަމުން ގިނައިން މަޝްރޫމް ބޭނުން ކުރާނަމަ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމަށްވެސް ފަސޭހަވެގެންދެ އެެވެ.

ކެއުމުގައި މަޝްރޫމު ބޭނުންކުރާނަމަ އެންމެ ރަނގަޅުގޮތަކީ ފިހެގެން ނުވަތަ މައިކްރޯވޭވްކޮށްގެން ބޭނުންކުރުމެވެ. ސަބަބަކީ މައިކްރޯވޭވް ކުރުމުން ނުވަތަ ފިހުމުން އޭގައި ހިމެނޭ ސިއްހަތައް ފައިދާހުރި މާއްދާތައް އެއްވަރެއްގައި ހިފެހެއްޓޭތީ އެވެ.

މަޝްރޫމް ފެނު ކައްކައިފިނަމަ އޭގައި ހުންނަ ގިނަ މާއްދާތަކެއްގެ ބޮޑު ނިސްބަތެއް މަދުވެ އެވެ. އަދި ތެލުލައިފިނަމަ އޭގައި ހުންނަ ސަރުބީގެ މިންވަރު އިތުރުވެ އެވެ.