ކޮލަމްބޯ (25 ޖުލައި) - ސިއްރިއްޔާތުގައި ގައުމުން ފިއްލަވައިގެން އުޅުއްވާ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަަޔަ ރާޖަޕަކްސަ ހައްޔަރު ކުރަން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން މަސައްކަތް ފަށައިފި އެވެ.

އެގޮތުން އެ ކުންފުނިން ވަނީ ގޮޓަބަޔަ މިހާރު ހުންނެވި ކަމަށް ބެލެވޭ ސިންގަޕޫރުގެ ރަސްމީ އިދާރާތަކުގައި ކުށުގެ ރެކޯޑެއް ފައިލްކޮށް ގޮޓަބަޔަ ހައްޔަރު ކޮށްދިނުމަށް އެދިފަ އެވެ.

ސްރީލަންކާގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން އާއްމުންނާއި އިދިކޮޅުގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއެކު ގޮޓަބަޔަ ވަނީ ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން އިސްތުއުފާ ދެއްވާފަ އެވެ.

ދަ އިންޓަނޭޝަނަލް ޓްރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ނަމުގައި ހިނގަމުން އަންނަ އެ ކުންފުނިން ބުނީ ގޮޓަބަޔަ ވަގުތުން ހައްޔަރު ކޮށްދިނުމަށް ސިންގަޕޫރުގެ އެޓާނީ ޖެނެރަލްއަށް ހުށައަޅާފައިވާނެ ކަމަށެވެ.

އެ ޖަމާއަތުން ހުށައެޅި ރިޕޯޓުގައި ބުނެފައިވަނީ ސްރީލަންކާގައި 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ހިނގި ދާޚިލީ ހަމަނުޖެހުންތަކުގައި ގޮޓަބަޔައާއި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ބައިނަލްއަގްވާމީ ގިނަ އެއްބަސްވުންތަކަކާ ޚިލާފުވެ އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

2009 ވަނަ އަހަރު ނިމުމަކަށް އައި ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގައި 10،000 އަށްވުރެ ގިނަ އާއްމުން މަރުވެފައިވާއިރު އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

ދާޚިލީ ހަނގުރާމައާ ގުޅިގެން ގޮޓަބަޔަ ހައްޔަރު ކުރަން މަސައްކަތް ކުރަމުން ދާއިރު ސްރީލަންކާގެ އާއްމުން ދަނީ އިގްތިސާދު ކޮޅަށް ނެގުމުގައި އޭނާ ގެންގުޅުއްވި ސިޔާސަތުތަކާ ގުޅިގެން ވެސް ހައްޔަރު ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ. -- އަލް އަރަބިއްޔާ