ރ. ދުވާފަރު ކައުންސިލަށް ލިބުނު ޒަކާތު ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ އެލްޖީއޭ އިން ނެރުނު ހާއްސަ މޮނިޓަރިން ރިޕޯޓްގައިވާ ކަންކަން އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތާއި މިދިޔަ އަހަރުގެ މުދަލު ޒަކާތް ވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ލިބުނުކަން އެ މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން އަބަދުވެސް އަންނަނީ ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މޮނިޓާކުރަމުން ކަމަށާއި ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިތުރު ޒަކާތާއި މުދަލު ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާކަމަށް އެ ބަޔާނުގައިވެ އެވެ.

ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ހަބަރު ނުފެތުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެލްޖީއޭ އިން ނެރުނު ރިޕޯޓުގައި ވަނީ ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ކައުންސިލްގެ އިދާރީ މުވައްޒަފެއްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. ނަމަވެސް ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް އަދާކުރި ކަމުގެ ލިޔުމެއް ފެންނަން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.