އިދިކޮޅު އެމްޑީޕީގެ މައްޗަށް އިޚުތިޔާރު ކުރައްވާނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ދެންނެވީ އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ސަނާ ކިޔުއްވާކަށް ނޫން ކަމަށާއި، ޕީއެންސީގައި އަދިވެސް ގިނައީ އެ މަނިކުފާނުގެ ސަޕޯޓަރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަށް ވުރެ ރައީސް މުއިއްޒު އިޚުތިޔާރު ކުރައްވާނެ ކަމަށް ކުރިން ދެއްކެވި ވާހަކަފުޅާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމަށް އައުމަށް ވުރެ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވީ، އެމްޑީޕީގެ ފާއިތުވި ދެ ވެރިކަމުގައި ގައުމަށް ލިބުނު ގެއްލުންތައް ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް އެއީ ރައީސް މުއިއްޒަށް ތާއިދުކޮށް، އެ މަނިކުފާނުގެ ސަރުކާރަށް ސަނާ ކިޔުމުގެ ނިޔަތުގައި ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ކޮރަޕްޝަންގެ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ، ޔާމީން ވަނީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާނުލުމަށް ޕީއެންސީގެ އިސް ބޭފުޅުންނަށް ގޮވާލައްވާފަ އެވެ. އަދި ޕީއެންސީގެ ތެރޭގައި އަދިވެސް ވަކިވެވަޑައިނުގެން ތިއްބެވީ އެ މަނިކުފާނަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ މެންބަރުން ކަމަށްވެސް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީނަށް ކުރިމަތިނުލެއްވުމުން އެ މަނިކުފާނުގެ ތާއިދާއެކުގަ އެވެ. ނަމަވެސް ވެރިކަން ފެށުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ދެ ބޭފުޅުންގެ ސިޔާސީ ގުޅުން ބަދަލުވެ، ޔާމީން ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދަވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި
