އުފަންވީއިރު ހަށިގަނޑުން ގުޅިފައިވާ ޔަމަނުގެ އެއްމާބަނޑު ދެބެއިން ވަކި ކުރުމަށް ސައޫދީ އަރަބިއާގައި ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާރު ވެއްޖެ އެވެ.

ރިޔާދްގެ ކިންގް އަބްދުﷲ ޗިލްޑްރަން ހޮސްޕިޓަލުގައި ކުރަން ހަމަޖެހިފައިވާ މި އޮޕަރޭޝަނަކީ ހަ ސްޓޭޖަކަށް ބައިކޮށްގެން ކުރެވޭ 11 ގަޑިއިރަށް ދެމިގެންދާނެ އޮޕަރޭޝަނެކެވެ.

މަވާދާ އަދި ރަމާ ނަމަކަށް ކިޔާ މި އަންހެން ދެބެއިން އުފަންވި އިރު މެދު ހަށިގަނޑުން ވަނީ ގުޅިފަ އެވެ. މިއީ އެއްމާބަނޑު ކުދިން ވިހާ ކޮންމެ 49000 އަންހެނުންގެ ތެރެއިން އެއް އަންހެނަކަށް ދިމާވާ ހާލަތެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ބޮޑު އޮޕަރޭޝަންގައި އެ ހޮސްޕިޓަލުގެ 28 ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން ޓެކްނީޝަނުންނާއި ނަރުހުން ވެސް ހަރަކާތްތެރި ވާނެ އެވެ.

މިދިޔަ މެއި މަހު ވެސް ސައޫދީ އަރަބިއާއިން ވަނީ މިގޮތަށް ގުޅިފައިވާ ޔަމަނުގެ ދެބެއިން ވަކިކޮށްފަ އެވެ. މި ދެކުދިން އެތެރެ ހަށީގެ ގިނަ ގުނަވަން ތަކުން ގުޅިފައިވީއިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އޮޕަރޭޝަންގެ ދެވަނައަށް ވީ ދުވަހު މަރުވެފަ އެވެ.

ސައޫދީ އަރަބިއާއަކީ ޔަމަނަށް ނިސްބަތްވާ ހަށިގަނޑުން ގުޅިފައިވާ އެއްމާބަނޑު ދެބެއިން ވަކި ކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ކުރަމުން އަންނަ ގައުމެކެވެ.