ފުރާވަރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ މައިން ބަފައިން ކައިރީގައި ނުތިބުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ދިރާސާކުރާ ފަރާތްތަކުން ކުރި ދިރާސާއެއްގެ ނަތީޖާގައި ބުނެފައި ވަނީ މައިންބަފައިން މަރުވެ ނުވަތަ ދެމަފިރިން ވަރިވެފައި ތިބޭ މީހުންގެ ދަރިން ފުރާވަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމަށް ހިތްވަރު ލިބޭ ކަމަށެވެ.
މި ސަބަބުތަކާ ހުރެ އެއަށްވުރެ ހަގު އުމުރުގައި ވެސް ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާކަމަށްވެ އެވެ.
އެފަދަ ކުދިންނަށް ހިތްވަރު ލިބޭ ސަބަބުތަކުގެ ތެރޭގައި އުޅެންޖެހޭ މާހައުލުގައި އެފަދަ އަމަލު ކުރާތަން ފެނުމާއި ސިއްހީ ރަނގަޅު އާދަތައް ބުނެދޭން މައިންބަފައިން ކައިރީގައި ނެތުން ހިމެނެ އެވެ.
މި ދިރާސާ ކޮށްފައިވަނީ ކުދިން އުފަން ވީއްސުރެ 14 އަހަރާއި ދެމެދު އެކި އުމުރުގައި ސުވާލުކޮށްގެންނެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ދެމެދު އުފަންވި ކުދިންގެ އުމުރުން 11 މަހުގައި އެކުދިންގެ ދިރިއުޅުމަށް ބަދަލު އަންނަން ފަށާފައިވޭތޯ ބަލަން ފަށައިފި އެވެ.
އޭގެ ފަހުން ތިން އަހަރާއި ފަސް އަހަރު އަދި 14 އަހަރުގައި ކުދިންނަށް އައިސްފައިވާ ބަދަލު ބަލާ ދިރާސާ ކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ. މި ދިރާސާގައި 19،000 ކުދިންގެ ހާލަތު ދެނެގަނެފައިވެ އެވެ.
އޭގެ ތެރެއިން 11،000 ކުދިންގެ ތެރެއިން ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖެއްގެ މައިންބަފައިން އުމުރުން ހަތް އަހަރު ވާންވީ އިރު ކައިރިއަކު ނެތެވެ. އެކުދިންގެ ތެރެއިން 54 ޕަސެންޓު ކުދިން ވަނީ ހަތް އަހަރު ވާންވީ އިރު ދެ ފަހަރަށް ވުރެ ގިނައިން ސިނގިރޭޓު ބޮއެފަ އެވެ.
އަދި އެގޮތަށް އަމަލު ކުރެވިފައިވަނީ އެކަން ހުއްޓުވާނެ މީހަކު ނެތުމުން ކަމަށް ބުނެފައިވެ އެވެ.