ހުޅުމާލެއިން ކަރަންޓު ކެނޑުނުތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓު ދީފި އެވެ.

ސްޓެލްކޯ އިން 3:11 ގައި ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ ގަޑިއެއްހާއިރު ތެރޭގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެއަށް އަލުން ކަރަންޓު ދޭން ފެށުމަށްފަހު 4:14ގައި ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުން ހުޅުމާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް މުޅި ހުޅުމާލެއަށް ކަރަންޓު ދިނުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ހުޅުމާލޭގައި 2018 ސްޓެލްކޯ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ނަމުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން ހިންގި މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރާއި 2،000 މެޓްރިކް ޓަނަށް ވުރެ ގިނަ ތެޔޮ ރައްކާ ކުރާނެ ފިއުލް ފާމަކާއި ފެން އުފައްދާ ޕްލާންޓެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާ 1.2 ބިލިއަން ރުފިޔާގެ، ފަސްވަނަ ޕަވާ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.