ތިބާއަކީ ތައްޔާރީ ކާނާ ކެއުމަށް ލޯބިކުރާ ފަރާތެއް ނަމަ ސަމާލު ވާށެވެ! އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެކި ވައްތަރުގެ ޕްރޮސެސްޑް ފުޑްސްއާއި ތައްޔާރީ ކާނާ ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑު ކޮށްދޭ ކަމެކެވެ.

ތައްޔާރީ ކާނާގެ ގޮތުގައި މި ދިރާސާގައި ބަލާފައި ވަނީ ގޮދަން ފުށް ބޭނުންކޮށްގެން ހަދާފައި ހުންނަ ޕާނާއި ޕޭސްޓްރީސްގެ ބާވަތްތަކާއި، ހަކުރުލާފައި ހުންނަ ކޭކާއި ބިސްކޯދު ފަދަ ތަކެއްޗާއި ޕެކެޓު ކޮށްފައި ހުންނަ ލޮނު ކާތަކެތީގެ އިތުރުން ބްރެކްފަސްޓް ސީރިއަލްސް އެވެ.

މި ދިރާސާގައި ތައްޔާރީ ކާނާ ކެއުމާއި އެފަދަ ކެއުންތަކުން ހިތުގެ ބަލިތައް ޖެހި އެ ބަލިތަކުގައި ފުރާނައަށް ގެއްލުންވުމާ މެދު އޮތް ގުޅުން ދެނެގަންނަން މަސައްކަތް ކޮށްފައިވާއިރު މި ދިރާސާގެ މުއްދަތަކަށް ބަލާފައިވަނީ ދިހަ އަހަރެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ހަފްތާއަކު ތައްޔާރީ ކާނާގެ ގޮތުގައި ބެލެވޭ އެއްޗެހިން 18 ސާވިންގްސް ކައިފި ނަމަ ހިތުގެ ބަލި ޖެހުން 16.6 ޕަސެންޓް އިތުރުވެ އެވެ. އަދި އެއަށްވުރެ ގިނައިން ކާނަމަ އެ ފުރުސަތު ދިހަ ޕަސެންޓް އިތުރުވެ އެވެ.

ތައްޔާރީ ކާނާ ކެއުމަކީ ދިގު މުއްދަތުގައި ހިތުގެ ބަލިތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެހެންކަމުން ތައްޔާރީ ކާނާއާ ދުރުވެ ސިއްހަތު ރަނގަޅު ކެއުމުގެ ވައްޓަފާޅިއެއް ޚިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ.