މޮސްކޯ (1 އޮގަސްޓް) މިއަދުގެ ހާލަތަށް ބަލާއިރު ރަޝިއާގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާ ކަމަށް އެގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވީ ރަޝިއާގެ ނޭވީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ކަނޑުގެ ސިފައިންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

މި ވާހަކަފުޅުގައި ޕުޓިން ވިދާޅުވީ ރަޝިއާ އިން އަމާޒު ހިފާފައިވާ މެރިޓައިމް މަގްސަދުތައް ހާސިލް ކުރުމުގައި އެންމެ ބޮޑު ދުޝްމަނަކަށް ވާނީ އެެމެރިކާ ކަމަށެވެ.

އެއާއެކު ޕުޓިން ވަނީ ރަޝިއާގެ ކަނޑުގެ ސިފައިންގެ ބާނީ ސާ ޕީޓާ ދަ ގްރޭޓްގެ މަސައްކަތް ފާހަގަ ކުރައްވައި ރަޝިއާއަކީ މުޅި ދުނިޔެ އިން ވެސް އެންމެ ވަރުގަދަ އެއް ކަނޑުގެ ލަޝްކަރަށް ހެދުމަށް އޭނާ ގެންގުޅުއްވި ސިޔާސަތުތަކަށް ތައުރީފް ކުރައްވައިފަ އެވެ.

އޭގެ އިތުރުން ވެސް ރަޝިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ އާލާތްތަކާއި ހަތިޔާރުތައް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕުޓިން ވަނީ ރަޝިއާގެ އާ ނޭވަލް ޑޮކްޓަރީންގައި ސޮއިކުރައްވައުފަ އެވެ. މިއީ ރަޝިއާގެ ކަނޑުގެ ސިފައިންގެ މަގްސަދުތަކާއި އަމާޒުތައް އަދި ސިޔާސަތުތައް އެކުލަވާލައިގެން ތައްޔާރު ކޮށްފައިވާ 55 ސަފްހާގެ ލިޔުމެކެވެ.

މި ޑޮކްޓަރީންގައިވާ ގޮތުން ރަޝިއާއަށް މި ވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ އިން މުޅި ދުނިޔޭގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރާ ކުރުމެވެ.

ޕުޓިންގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ