މަސައްކަތުގެ މާހައުލަކީ ސްޓްރެސް ނުވެ ނުދާނެ މާހައުލެކެވެ. ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން އެކި މީހުންނަށް އެކަން އިހްސާސް ވާނީ އެކި މިންވަރަށެވެ.
ބައެއް މީހުންނަކީ ވަޒީފާގެ މައިދާނުގައި ވަރަށް އަވަހަށް ކުރިއަރައިގެން ދާން ބޭނުންވާ މީހުންނެވެ. އެމީހުންގެ ނަޒަރުގައި "އުފާވެރިކަމަކީ" މަޝްހޫރު ވުމާއި، ކާމިޔާބީއާއި، ފައިސާ އެވެ. އެފަދަ މީހުންގެ އަމާޒަކަށް ވާނީ ހަމަ އެކަނި ކުރިއެރުމެވެ. މި އަޒުމްގައި ގިނަ ފަހަރަށް ވަޒީފާގެ މާހައުލުގައި އެކުވެރިކަން ގާއިމް ނުކުރެވި އެކަނިވެރި މީހެއްގެ ގޮތުގައި ލޭބަލް ކުރެވޭތަން އާދެ އެވެ.
އުފާވެރިކަން ލިބޭނީ ހަމަ އެކަނި ފައިސާ އަކުން ނޫނެވެ. މަސައްކަތުގެ މާހައުލުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ޔަގީނުންވެސް ހާސްކަމާ ދުރުކޮށްދޭނެ ކަމެކެވެ. މަސައްކަތުގެ މާހައުލުގެ ތެރޭގައި ކޮންމެ މީހެއްގެ އުސޫލުވެސް ތަފާތު ވާނެ އެވެ. ނަމަވެސް އެކުގައި މަސައްކަތް ނުކުރުމާއި އެހެން މީހުންނަށް އަމުރުކުރުން އަދި ކަން ފަސޭހަކަމާއި ފަރުވާކުޑަ ކުރުން އެއީ އުސޫލުގެ ތެރޭގައި ހިމަނައިގެން ނުވާނެ ކަންކަމެވެ.
އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރާށެވެ. އެކުވެރިކަމާއި، އެކުގައި ކުރާ މަސައްކަތެއްނަމަ އެއީ އުފެންދުންތެރި މަސައްކަތަކަށްވާނެ އެވެ. ހިތްހަމަޖެހިގެން އެމަސައްކަތާ ގަޔާވެގެން ކުރެވޭނީވެސް އިތުރު ބައެއްގެ އެހީތެރިކަމާއެކު ކަން ޔަގީނެވެ.
އެހެންނަމަވެސް އޭގެ މާނައަކީ ދެން ތިބޭމީހުން ބުނާހާ ގޮތަަކަށް ކަން ކުރާށެކޭ ނޫނެވެ. ތިމާގެ ހިޔާލުވެސް ހުށައަޅާށެވެ. ވާހަކަ ދައްކާށެވެ. ހިތްހަމަ ނުޖެހޭ ނުވަތަ ހިޔާލު ތަފާތުވާ ކަންކަމުގައިވެސް މަޝްވަރާކުރާށެވެ.
ކަސްޓަމަރުންނަށް “ފޭސް ޓު ފޭސް” ކޮށް ހިދުމަތް ދޭން ޖެހޭ ތަނެއް ނަމަވެސް މުވައްޒަފުން އެކަކު އަނެކަކާ ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. ކަސްޓަމަރުން ބަލައިގަންނަ މިހަކަށް ވެވޭނީ އެކުވެރިކަމާއެކު ހިދުމަތް ދިނުމުންނެވެ. މަސައްކަތައް އެކަށީގެންވާ މީހަކަށް ވެވޭނީ އެފަދަ މީހަކަށް ވާން މަސައްކަތް ކުރުމުންނެވެ. އެކުގައި މަސައްކަތް ކުރާމީހުންނާއި ގުޅިގެން މަސައްކަތް ކުރާނަމަ ޔަގީނުންވެސް ތިއީ ވަޒީފާގެ މާހައުލުގައި އުފާވެރި މީހަކަށް ވާނެ އެވެ.
އޮފީހުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހަދައިފި ނަމަ ތިބާގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހާސްކަމެއް ފިލައިގެން ދާނެ އެވެ. މަަސައްކަތުގެ ދިރިއުޅުން ބާއްޖަވެރި ވާނެ އެވެ.