ކުދި އަދި މެދު ފަންތީގެ ވިޔަފާރި، މިއީ ވަރަށް އާންމުކޮށް ނޫސްތަކުގެ ސުރުޚީއަށް އަރާ ބަހެކެވެ. ދުލަށް ކިޔަން އުނދަގޫ އަޑުއަހަން ފަސޭހަ ނޫން ބަހެކެވެ.

ދިވެހިންނަށް އަޑުއަހަން އުނދަގޫ ކިޔަން ފަސޭހަ ނޫން ބަހެއްނަމަ ސުވާލަކީ މި ލިޔެވެނީ ދިވެހި ބަހުން ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ދިވެހިބަހުން ކުދި އަދި މެދު، ހިމަ އަދި ފަލަ، ބޮޑު އަދި ކުޑައެއް ނުކިޔާނެ އެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިޔަ ލިޔެވެނީ ދިވެހި ބަހަކުން ނޫނެވެ. ދިވެހި ބަހުން ވާހަކަ ދައްކާއިރު ކިޔާނީ ކުދި ގުޅަޔާއި ބޮޑު ގުޅަ އެވެ. އަހުމަދާއި ހުސޭނެވެ. ގަލަމާއި ފަންސުރެވެ.

ފަހަކަށް އައިސް ދިވެހި ނޫސްތަކުގައި އެއްބާވަތެއްގެ ދެބަސް ގުޅުވުމަށް ދިވެހި ބަހުން ބޭނުންކުރާ "އާއި" ގެ ބަދަލުގައި އަދި ބޭނުންކުރުން ވަނީ އާންމުވެފަ އެވެ. ހީވާ ގޮތުން މިއީ އިނގިރޭސި ބަހުގައި މިފަދަ ބަސްތައް ގުޅުވަން ބޭނުންކުރާ "އޭންޑް" މިބަހުގެ ބަދަލުގައި ބޭނުންކުރެވޭ ނުބައި ބަހެކެވެ. ކޮންމެވެސް ޒަމާނެއްގައި ދިވެހި ދަރިވަރުންނަށް އިނގިރޭސި އޭންޑްގެ މާނައަކީ އަދި ކަމުގައި ކިޔައިދެވިފައި އޮތުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސި ބަހުން ކުރާ ތަރުޖަމާތަކާއި އިނގިރޭސި ބަހުން ވިސްނައިގެން ލިޔާ ޖުމުލަތަކުގައި ދިވެހި ބަހުގެ ހަމަތަކާ ޚިލާފަށް އިނގިރޭސި ބަހުގެ އޭންޑް ތަރުޖަމާ ކުރެވިފައި އޮންނަ ކަމަށް ފެނެ އެވެ.

ހަގީގަތަކީ އިނގިރޭސި އޭންޑްގެ ދިވެހި ތަރުޖަމާއަކީ އާއި ކަމެވެ. ދިވެހި ބަހުގައި އޮންނަ އަދި އެއީ ފަހަރެއްގައި ވެސް އިނގިރޭސި ބަހުގެ އޭންޑް މިބަހާ އެއްމާނައެއްގައި ބޭނުން ކުރެވޭ ބަހެއް ނޫނެވެ.

ރަދީފުގައި އޮންނަ މާނައަށް ބަލާއިރު "އަދި" މި ބަހުގެ މާނަޔަކީ ވަކި ވަރަކަށް ވުރެ އިތުރަށް، "މި" އެވެ. މިސާލަކީ އަދި އަންނާނުހޭ އަދި ދޭށޭ އެވެ. ދެވަނަ މާނަޔަކަށް އޮންނަނީ ތަކުރާރުކޮށް ކަމެއްކުރުމެވެ. މީގެ އިނގިރޭސި ތަރުޖަމާއަކަށް އޮތީ "އެގެއިން" އެވެ. އެހެންކަމުން އިނގިރޭސި ބަހުގެ "އޭންޑް" މި ބަހުގެ ތަރުޖަމާއަކަށް ނުވަތަ އެބަސް ބޭނުން ކުރެވޭފަދަ ދަނޑިވަޅުތަކުގައި ދިވެހި ބަހުގެ އަދި ބޭނުން ނުކުރެވޭނެކަން ވަރަށް ސާފެވެ. އެފަދަ ތަންތަނުގައި ދިވެހި ބަހުން ލިޔެވޭނީ "އާއި" މި ބަހެވެ. ތިރީގައި މިވަނީ ނޫސްތަކުގެ ބައެއް ލިޔުމުން ނަގާފައިވާ މިފަދަ ބައެއް މިސާލުތަކެވެ. މި މިސާލުތައް މިތާގައި މި ގެނެސްދެނީ މި ދައްކާ ވާހަކަ ވިސްނައިގަތުމަށް އިތުރު ފަސޭހައެއްގެ ގޮތުންނެވެ.

"މިދިޔަ މަހުގެ އެކްސްޕޯޓާއި އިމްޕޯޓު އަދި އާމްދަނީ ވެސް އިތުރު" މި ޖުމްލައިގައި އެ އޮތް އަދި އެތާގައި އޮންނަން ޖެހޭ ސަބަބެއްނެތެވެ. އޭގެ ބަދަލުގައި ލިޔަން ޖެހޭނީ މިދިޔަ މަހުގެ އެކްސްޕޯޓާއި އިމްޕޯޓާއި އާމްދަނީ ވެސް އިތުރެވެ.

"މާލޭ މީހުނަށް ގޯތި އަދި ފްލެޓް ދިނުމުގައި މަޝްވަރާ ކޮށްފައެއް ނުވޭ" މިތާގައި މިއޮތް އަދި އާ މެދު ވިސްނާލާއިރު ދޭދޭ މީހުން ވާހަކަ ދައްކާއިރު އެއްވެސް މީހަކު އަހަންނަށް ފްލެޓެއް އަދި ގޯއްޗެއް މިހެނެއް ނުކިޔާނެ އެވެ. ކިޔާނީ ގޯއްޗާއި ފްލެޓެވެ. އެހެން ކަމުން މިތާނގައި ވެސް އަދި ލިޔާކަށް ނުޖެހެ އެވެ. ލިޔަން ޖެހޭނީ މާލޭ މީހުންނަށް ގޯއްޗާއި ފްލެޓް ދިނުމުގައި، މިފަދައިންނެވެ.

ލިޔާ ލިޔުމަކީ ޚާއްސަކޮށް ނޫސްތަކުގައި ލިޔާ ލިޔުމަކީ މުހިންމު އެއްޗެކެވެ. ސަބަބަކީ ޒަމާންތަކެއް ވަންދެން އެފަދަ ލިޔުންތައް ފެންނަން ހުންނާނެތީ އެވެ. މުސްތަގުބަލުގެ ދަރިން ދިވެހި ބަހުގެ ދިރާސާތަކަށް ވެސް އެ ލިޔުންތަކުގެ ބޭނުން ކުރާނެ އެވެ. އެހެންކަމުން ލިޔާ ލިޔުން، ވީ ވަރަކުން ގަވާއިދާ އެއްގޮތަށް ލިޔުން މުހިންމެވެ. މި ލިޔުމުގައި މިބަޔާން ކުރެވުނު "ކުދި އަދި މެދު ފަންތީގެ ވިޔަފާރި" ލިޔުމުގެ ބަދަލުގައި ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރި ނުލިޔެވޭ ނަމަ އެ ލިޔެވެނީ ތާނައިން ލިޔުނަސް ދިވެހި ބަހަކުން ނޫނެވެ.