ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ފަސް ސައިޓެއް ހިއްކުމުގެ މަސައްކަތާ ހަވާލުވި ޗައިނާގެ ސީއާރުސީސީ ކުންފުނިން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާއަށްވުރެ ގިނައިން ފައިސާ ދޫކުރަން ނިންމި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް ފޮނުއްވި ސިޓީގައި، އެޗްޑީސީން ހެދި މިނިވަން އިވެލުއޭޝަން ރިޕޯޓަކާ ހަވާލާދީ ވިދާޅުވެފައި ވަނީ ސީއާރްސީސީން ކޮށްފައިވާ 6.7 މިލިއަން ޑޮލަރުގެ މަސައްކަތަށް 9.4 މިލިއަން ޑޮލަރު ދޫކުރަން އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިއީ އެ ކުންފުންޏަށް ނާޖާއިޒް މަންފާއެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ސީއާރްސީސީއަށް ފައިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް ނާޒިލް ވަނީ އެދިވަޑައިގެންފަ އެވެ.
އެޗްޑީސީއާއި ސީއާރުސީސީއާ ދެމެދު ސާވޭއާއި ޑިޒައިނުން ފެށިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ސޮއިކުރީ 265.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގަ އެވެ. އެއީ ތިން ބަޔަކަށް ބަހާލައިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވެފައިވާ އެއްބަސްވުމެކެވެ. މީގެ ތެރެއިން ސައިޓް އޭ، ބީ، އެޗް، އައި، އަދި ކޭ ހިއްކަން ސީއާރުސީސީއާ ހަވާލުކުރިއިރު، ސައިޓް ޑީ، ޖީ، އަދި އެލް ހިއްކަން ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ އެވެ.
ނަމަވެސް ރަސްމާލެއިން އެންމެ ހެކްޓަރެއްގެ ބިން ވެސް ނުހިއްކެނީސް، އެޑްވާންސްގެ ގޮތުގައި ސީއާރުސީސީއަށް ވަނީ 13.2 މިލިއަން ޑޮލަރު ދީފަ އެވެ. އެ ކުންފުނިން އަމިއްލައަށް ހުށަހެޅި ލިޔެކިޔުންތަކުގައި ޕްރޮޖެކްޓުގެ ހަތަރު ޕަސެންޓު ނިމިފައިވާ ކަމަށާއި، ތައްޔާރީ މަސައްކަތްތަކަށް 6.2 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 3.2 މިލިއަން ޑޮލަރު ހައްގުވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެޕޮކްއިން ހެދި އިވެލުއޭޝަނުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ނިންމުނީ މުޅި މަޝްރޫއުގެ އެންމެ ތިން އިންސައްތަ މަސައްކަތެވެ. އަދި އެއްބަސްވި ގޮތަށް އެއްވެސް ލައިން އައިޓަމެއްގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާކަމާއި، ފަހުން ހަވާލުވި ކޮންޓްރެކްޓަރަށް ބޭނުންކުރެވޭ ގޮތަށް ހުރި މަސައްކަތުގެ އަގު މިލިއަން ޑޮލަރަށް ވެސް ނާރާކަން އިވެލުއޭޝަނުން ހާމަވެ އެވެ.
އެނގިފައިވާ ގޮތުގައި، އެޗްޑީސީއާއި ސީއާރުސީސީއާ ދެމެދު މިހާރު ދަނީ އެއްބަސްވުން ބާތިލުކުރުމުގެ މަޝްވަރާތައް ކުރެވެމުންނެވެ. އެ މަޝްވަރާތަކުގައި އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ އެޑްވާންސަށް ދިން 13.2 މިލިއަން ޑޮލަރުގެ ތެރެއިން ކޮށްފައިވާ މަސައްކަތުގެ އަގު ކެނޑުމަށްފަހު ބާކީ ފައިސާ އަނބުރާ ހޯދުމަށެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ވަކިކޮށްފި
ވިހެއުމަށްފަހު ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލަ ބަލަނީ
މަތިންދާ ބޯޓު ނައްޓާލުމާއި ޖެއްސުމުގައި އަލި ފަނޑު ކުރަނީ ކީއްވެ؟