ވިހެއުމަކީ ނުވަތަ ދަރިއަކު ލިބުމަކީ އަންހެނުންގެ ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ދުވަސްކޮޅެެވެ. ހާއްސަކޮށް ފުރަތަމަ ދެ ތިން މަހެވެ. އެ ދުވަސްތަކުގައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ތުއްތު ކުއްޖާއަށް ބޭނުންވާ ކަންކަން ކުރުމެއް ނޫނެވެ. އަމިއްލަ ހަށިގަނޑާއި ނަފްސާ ދޭތެރޭގައި ވެސް މައިމީހާ ވިސްނަން ޖެހޭނެ އެވެ.
ރަނގަޅަށް ކެއުން
ފުރަތަމަ ހަ މަހަކީ ކުޑަދަރިފުޅު މައިމީހާގެ ގާތުންދޭ ކިރު ނޫން އެއްޗެއް ނުބޯނެ ދުވަސްކޮޅެކެވެ. އެހެންކަމުން މައިމީހާ ރަނގަޅު ކާނާ ކައިގެން އަބަދުވެސް ހުންނަން ޖެހެ އެވެ. އެގޮތުން ހަށިގަނޑަށް ލިބެން ޖެހޭ ހުރިހާ މާއްދާ ތަކެއް ހިމަނައި މިންހެޔޮ ކެއުމެއް ކެއުން ވަރަށް މުހިއްމެވެ.
މާބަނޑު ދުވަސްވަރުގެ ބޭސްތައް ކެއުން
ވިހެއުމަށްފަހު ބަނޑުބޮޑު އިރު ކަމުންދިޔަ ހުރިހާ ބޭހެއް ކެއުން ވަގުތުން ހުއްޓާލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ކެއުމަށް ޑޮކްޓަރު އަންގާފަ އޮންނަގޮތާއި ހިލާފަށް ތަފާތު އެހެން އެއްޗެހި ކެއުންވެސް ރަނގަޅެއް ނޫނެވެ. ބޭސް ބޭނުން ކުރުން ހުއްޓާލަންވާނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.
ހަމަނިދި ނިދުން
ވިހެއުމަށްފަހު ރޭގަނޑު ނުނިދާ ދަރިފުޅުގެ ކަންތަކުގައި ހޭލާ އިންނަން ޖެހުމާއި ހުރިހާ ވަގުތެއް ދަރިފުޅަށް ހުސް ކުރަން ޖެހުމުން މައިމީހާގެ ނިދި ހަމަނުވެ ޑިޕްރެޝަން ފަދަ އިތުރު މައްސަލަތައް ކުރިމަތިވެ އެވެ. އެހެން ކަމުން ފިރިމީހާގެ އެހީތެރިކަމާއެކު ރެއަކާދުވާލު މަދުވެގެން ހަ ގަޑިއިރުގެ ނިދި ލިބޭތޯ މަސައްކަތް ކުރާށެވެ.
މާ ގިނައިން ލޭ ފައިބާނަމަ ޑޮކްޓަރަށް ދެއްކުން
ވިހެއުމަށްފަހު އަންނަ ނިފާސްކަމުގެ ލޭ 40 ދުވަހަށްވުރެ އިތުރުވެ މާ ގިނައިން ފޭބުމަކީ ހަށިގަނޑުން ލޭ މަދުވެ ގާތުން ކިރު ދިނުމަށް އުނދަގޫވާ ކަމެކެވެ. އެހެންކަމުން މިހެން ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިއްމެވެ.