ނިއު ދިއްލީ (07 އޮގަސްޓް) - އިންޑިއާގެ އާ ނާއިބު ރައީސަކަށް ބާރަތްޔަ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ކެނޑިޑޭޓް ޖަގްދީޕް ދަންކަރް އިންތިހާބު ވެއްޖެ އެވެ.

އިންޑިއާގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރެވެނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގޭ ވޯޓަކުންނެވެ. އެގޮތުން އިއްޔެ ނެގުނު ވޯޓުގައި ޖަގްދީޕް ވަނީ އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ކެނޑިޑޭޓްއާއި އެހެން ބައެއް ކެނޑިޑޭޓުންނާ ވާދަކޮށް 346 ވޯޓުން ކުރި ހޯއްދަވާފަ އެވެ.

މިއާއެކު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިސްވެ ހުންނަވައި ހިންގާ ބީޖޭޕީގެ ސަރުކާރަށް އެގައުމުގެ އެންމެ އިސް ގާނޫނީ ދެ މަގާމު ވެސް ލިބުނީ އެވެ. ޖުލައި މަހު ބޭއްވި ވޯޓުގައި ހަމަ އެ ޕާޓީގެ ދުރޯޕަތީ މުރްމޫއަށް ވަނީ އެގައުމުގެ ރައީސްކަން ލިބިވަޑައިގެންފަ އެވެ.

މީގެ ކުރިން ވެސްޓް ބެންގާލް ސްޓޭޓްގެ ގަވަރްނަރުގެ މަގާމު އަދާކުރައްވާފައިވާ ޖަގްދީޕް ވެގެންދާނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ފަރާތަކަށް ކަމަށް ބެލެވެ އެވެ.

އިންޑިއާގައި ނާއިބު ރައީސްއަކީ ރައީސްގެ މަގާމުގައި ހުރި ބޭފުޅަކު އަވަހާރަވެއްޖެ ނަމަ ނުވަތަ އިސްތިއުފާ ދެއްވައިފި ނަމަ އެގައުމުގެ އެންމެ އިސް ބޭފުޅާ އެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައި ބުނެވޭ އިންޑިއާއަކީ ބަރުލަމާނީ ނިޒާމުގެ ދަށުން ހިނގާ ގައުމަކަށް ވާތީ ސަރުކާރުގެ ގިނަ ކަންކަމުގައި އިސްކޮށް ހުންނަވާނީ އޭރަކު ހުންނަވާ ބޮޑު ވަޒީރެވެ. -- އަލް އަރަބިއްޔާ