މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރާ ހައި ސްޕީޑް ރޭލުތަކުގެ ޑްރައިވިން ތަމްރީނުތައް ހަދަމުން ދިޔަ ސައޫދީ އަރަބިއާގެ 31 އަންހެނަކު ހިދުމަތަށް ނުކުމެއްޖެ އެވެ.

މިއީ ދެހަރަމްފުޅުގެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތަށް އަންހެނުން ނިކުންނަ ފުރަތަމަ ފަހަރު ކަމަށް ސައޫދީ އަރަބިއާގެ މީޑިއާތަކުން ބުނެ އެވެ.

ސައޫދީ ގެޒެޓުގައި އިތުރަށް ބުނެފައިވަނީ މި 31 ޑްރައިވަރުންގެ ތިއަރީ ތަމްރީނުތައް ނިންމައި ފަސް މަސް ދުވަހުގެ ޕްރެކްޓިކަލް ތަމްރީނުތަކުގައި ޓްރާންސްޕޯޓް ލިންކުގެ ތަޖުރިބާކާރު ޑްރައިވަރުންނާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

ސްޕެއިންގެ ޓެކްނޮލޮޖީ ކުންފުންޏަކާ ގުޅިގެން ސައޫދީ އަރަބިއާގެ ސަރުކާރުން ހިންގާ ހައި ސްޕީޑް ޓްރެއިން ލިންކްގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ހުސް ފިރިހެނުންނެވެ.

މި ވަޒީފާއަށް އަންހެނުން ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރިކޯޑް އަދަދެއްގެ އަންހެނުން ވަޒީފާއަށް އެދި ހުށައަޅާފައިވާއިރު އޭގެ ތެރެއިން ހޮވިފައިވަނީ 31 އަންހެނުންނެވެ.

މިއަހަރުގެ ޑިސެމްބަރު މަހު މި އަންހެން ޑްރައިވަރުން ވެސް ތަމްރީން ނިންމައި ފުރިހަމަ ޚިދުމަތަށް ނުކުންނާނެ ކަމަށް ސައޫދީ ގެޒެޓުގައި ބުނެފައިވެ އެވެ.