އިޓަލީގެ ކޯރެއްގެ ފެންގަނޑު އެއްކޮށް ހިނދި އެ ކޯރުގައި ނުގޮވާ އޮތް ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް ފެނިއްޖެ އެވެ.

ބަރުދަނުގައި ގާތްގަނޑަކަށް 450 ކިލޯ ހުރި މި ބޮން ފެނިފައިވަނީ އިޓަލީގެ ޕޯ ނަމަކަށް ކިޔާ ކޯރެއްގެ އައްސޭރި ފަށުގައި އުޅުނު މަސްވެރިން ތަކަކަށެވެ.

އެގައުމުގެ އަސްކަރިއްޔާއިން ބުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ކަމަށް ބެލެވޭ ބޮމެއް ފެންގަނޑު ހިނދިފައިވާ ކޯރަކުން ފެނިފައިވާ ކަމަށާއި އޭގެ އިތުރު ތަހުލީލުތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން މި ބޮމުގައި 250 ކިލޯގެ ގޮވާ ޒާތުގެ ތަކެތި އެކުލެވޭކަން ހޯދިފައިވާއިރު އަސްކަރިއްޔާގެ ބޮމްބް ސްކުއަޑް ޓީމުން އެ ބޮން ޑީޓޮނޭޓް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ބޮން ފެނުމާއެކު އެ ސަރަހައްދުން 3000 އަށްވުރެ ގިނަ މީހުން ހުސްކޮށް ރައްކާތެރި ކަމާއެކު ތަހުލީލީ އިދާރާތަކަށް ބޮން ގެންދެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މިކަމާ ގުޅިގެން އެ ހިސާބުގެ ވައިގެ ސަރަހައްދު ވެސް ކުޑަ ވަގުތުކޮޅަކަށް ބަންދު ކޮށްފައިވެ އެވެ.

ރިވާ ޕޯއަކީ އިޓަލީގެ އެންމެ ދިގު ކޯރެވެ. މިކޯރުގެ ދިގުމިނުގައި 682 ކިލޯމީޓަރު ހުންނައިރު ކޯރުގެ ބޮޑު ބައެއް ވަނީ އަހަރު ތަކުގެ ތެރޭގައި ހިނދިފަ އެވެ.