ކޮލަމްބޯ (10 އޮގަސްޓް) - ސްރީލަންކާއިން ފިއްލަވައިގެން އުޅުއްވާ އެގައުމުގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަރަށް އަވަހަށް ތައިލެންޑަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއީ މިދިޔަ މަހު ސްރީލަންކާގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން ގޮޓާބޭ ވަޑައިގަންނަވާ ދެކުނު އިރުމަތީ އޭޝިއާގެ ދެވަނަ ގައުމެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ގޮޓާބޭ ވަޑައިގަތީ ސިންގަޕޫރަށެވެ. ދިވެހިރާއްޖޭގައި އެއްރޭ މަޑު ކުރެއްވުމަށްފަހު އެގައުމަށް ވަޑައިގެން ގޮޓާބޭ ވަނީ ދެފަހަރު މަތިން އޭނާގެ ވިސާގެ މުއްދަތު އިތުރު ކުރައްވާފަ އެވެ.

ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ގޮޓާބޭ ވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދީ އެކަން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަންގަވާފަ އެވެ. ގޮޓާބޭއަށްފަހު ރައީސްކަމަށް އިސްވެ ވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެ އެވެ.

އޭގެ ފަހުން ގޮޓާބޭ ސްރީލަންކާއަށް އެނބުރި އަންނަން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރުނު ނަމަވެސް އެކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި ގޮޓާބޭ ގައުމުން ބޭރުގައި އުޅުއްވަނީ ގައުމަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު ބޮޑުވީމަ އެވެ. -- އަލް އަރަބިއްޔާ