ޖަޕާނުގެ އިތުރުން މުޅި ދުނިޔޭގެ ފެޝަނަށް ވެސް ބޮޑު އިންގިލާބެއް ގެނެސްދިން ޖަޕާނުގެ މަޝްހޫރު ފެޝަން ޑިޒައިނަރު އިސޭ މިޔަކެ މަރުވެއްޖެ އެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިސޭ މަރުވެފައި ވަނީ ލިވާ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 84 އަހަރުގައި މި އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.

އިސޭ މަޝްހޫރު ވެފައިވަނީ އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ "ސިގްނޭޗާ ލުކް" ކަމަށްވާ ކަޅުކުލައިގެ ޓާޓަލް ނެކްގެ ޑިޒައިނަރުގެ ގޮތުގަ އެވެ.

އިސޭއަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ފެޝަން ދާއިރާއިން ޖަޕާނުގެ އިގްތިސާދަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީ ގައުމީ ފެންވަރުގައި އެގައުމުން ފާހަގަކުރާ ފަރާތެކެވެ.

އެންމެ ހަގު އުމުރުގައި ނެށުންތެރިއަކަށް ނުވަތަ އެތުލީޓަކަށް ވާން ބޭނުންވި އިސޭ ފެޝަންގެ ދާއިރާއަށް ނުކުތީ އޭނާގެ ދައްތަ ގެންގުޅުނު ފެޝަން މަޖައްލާތަކެއް ބަލައި އެކަމަށް ޝައުގު އުފެދިގެންނެވެ.

ޖަޕާނުގެ ހިރޯޝިމާއަށް އުފަން އިސޭގެ އުމުރުން ހަތް އަހަރުގައި އެ ސަރަހައްދަށް އެޓޮމިކް ބޮމުގެ ހާދިސާ ކުރިމަތިވިިއިރު އޭނާ އިނީ ސްކޫލުގެ ކްލާސް ރޫމެއްގަ އެވެ. އެހާދިސާގެ ތިން އަހަރު ފަހުން އޭނާގެ މަންމަވެސް ވަނީ ރޭޑިއަޝަންގެ ސަބަބުން މަރުވެފަ އެވެ.

އިސޭގެ "ޕްލީޓިން" ފެޝަން ޑިޒައިނަކީ 1980ގެ އަހަރުތަކުގައި އެންމެ ވައިގައި ހިފި އެއް ސްޓައިލެވެ. މި ސްޓައިލާއެކު އޭނާ މަޝްހޫރު ވެގެން ދިޔައީ ޕްރިންސް އޮފް ޕްލީޓިންގެ ނަމުންނެވެ.

އިސޭގެ ކެރިއަރުގެ ފަހުކޮޅަށް އައިއިރު އޭނާގެ ނަމުގައި ޑަޒަނަކަށްވުރެ ގިނަ ފެޝަން ބްރޭންޑްތައް ހިނގަމުން އައެވެ. މި ބްރޭންޑްތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ފެޝަން ވެސް ހިމެނެ އެވެ.